ގައުމުގެ ވެރިޔާގެ އިޒުނައެއް ނެތި މީހުން މެރުން އެއްވެސް އިރެއްގައި ހުއްދައެއް ނޫން ކަމަށް ޒިންބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.
މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މީހެއްގެ ގަބޫލުކުރުންތަކާއި ހުރެ، ނުވަތަ އެމީހާގެ އަމަލު ހުންނަ ގޮތަކުން އެމީހެއްގެ ލޭ ހުއްދަކޮށް، އަމިއްލައަށް އެމީހާ މެރުމަށް ހުކުމް ނުކުރެވޭނެ ކަމަށެވެ.
"ޝަރީއާ ތަންފީޒު ކުރުމަށް އެންމެ ފުރަތަމަ ބޭނުން ވަނީ ސުލްތާން (ގައުމުގެ ވެރިޔާ/ ވަލީއުލް އަމްރު). ޝަރީއާ ތަންފީޒު ކުރުމުގެ ބާރު ނެތި ޝަރީއާ ތަންފީޒެއް ނުކުރެވޭނެ. ހަމަ ހުރެފަ މީހަކާ ދިމާއަށް އޭނާއަކީ މުރުތައްދެކޭ ބުނެ އޭނާ މަރާލެވޭނެއޭ ނުބުނެވޭނެ. ދެން ހުރި މީހާ އެހެން ކަމެއް ކުރެއޭ، އެހެންވީމާ އޭނާއަށް ގެއްލުން ދެވޭނެއެކޭ ނުބުނެވޭނެ"
މުފްތީ މެންކް ވިދާޅުވީ ޝަރީއާ އާއި ނުލައި މީހަކު މަރަން ނުވަތަ އެމީހާއަށް ގެއްލުން ފޯރުކުރުމަށް ނުގޮވޭނެ ކަމަށެވެ. ނަމަވެސް މިހާރުގެ ޒުވާނުން ގުރުއާނާއި ހަދީޘް ދައްކައިގެން މީހުން މެރުމަކީ އެއީ ރަނގަޅު ކަމެއް ކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. ޝަރީއަތެއް، ހަމައެއް ލަމައެއް ނެތި މީހުން މަރަން ފަށައިފި ނަމަ މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދޭނެ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
"ޝަރީއާ ތަންފީޒު ކުރުމަކީ އަމިއްލައަށް ކުރެވޭނެ ކަމެއް ނޫން. އެކަން އަމިއްލައަށް ކުރަން އުޅެފިނަމަ މުޅި ދުނިޔޭގައި ހަމަ ނުޖެހުން އުފެދޭނެ. އެއީ އެކަކު މަރައިފި ނަމަ އޭނާގެ ބަދަލު ހިފަން އަނެކާ މަސައްކަތްކޮށް، އެކަކު އަނެކަކަށް ބަދަލު ހިފުމުގެ ރޫހުގައި ކޮންމެ ދުވަހަކުހެން ގެއްލުން ދެމުން ދާނެ."
މުފްތީ މެންކް ވިދާޅުވީ މާތް ﷲ އަހަރެމެން ހެއްދެވީ މިކަމަށް ނޫން ކަމަށެވެ. އަދި ޝަރީއާ ތަންފީޒު ކުރަން ޖެހޭ ހާލަތެއް އައިސްފި ނަމަ، ޝަރީއާ ތަންފީޒު ކުރުމުގެ ބާރު ލިބިފައިވާ މީހުންނަށް އެކަން ކުރަން ބާރު އެޅުމަކީ އޮތް ކަމެއް ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އިންސާފު ނުލިބި އަހަރެއް ދެއަހަރެއް ފާއިތުވުމަކީ އަމިއްލަ އަތް މައްޗަށް ކަންކަން ނަގައި އެކަމަށް ހުކުމެއް ކުރަންވީ ސަބަބެއް ނޫން ކަމަށާއި، އެއީވެސް އިމްތިހާނެއްގެ ގޮތުގައި މުފްތީ މެންކް ސިފަ ކުރެއްވިއެވެ.
ނަމަވެސް މީހަކު ތިމާއަށް، ތިމާގެ އާއިލާއަށް ނުވަތަ އަނބި ދަރީންނަށް ހަމަލާދީ ގެއްލުންދޭ ދަނޑިވަޅެއްގައި އަމިއްލަ ނަފްސު ނުވަތަ އާއިލާ ދިފާއު ކުރުމަކީ އެމީހެއްގެ ހައްގެއް ކަމަށާއި އެއީ އެމީހަކު އަދާ ކުރަން ޖެހޭ ވާޖިބެއްގެ ގޮތުގައި މުފްތީ މެންކް ސިފަ ކުރެއްވިއެވެ. މީހަކު ޖަހަން އުޅެފި ނަމަ އެކަން ހުއްޓުވުން، ނުވަތަ ތިމާގެ ގައިގައި މީހަކު ޖެހުމުން ރައްދުގައި ޖެހުން ފަދަ ކަންކަމީ އަހަރެމެންނަށް ދިފާއުގައި ކަމަށް ބަލައިގަނެވޭ ކަންކަން ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
މިކަންކަމަށް މުފްތީ މެންކް މިސާލު ނަންގަވާފައި ވަނީ އާދަމްގެފާނާއި ހައްވާގެފާނުގެ ދެ ދަރިކަލުން ކަމަށްވާ ކާބީލް އާއި ހާބީލްގެ ވާހަކައިންނެވެ. ހާބީލްގެ މަރަކީ ކާބީލް ޝަރީއަތް އަމިއްލަ އަތް މައްޗަށް ނަގައިގެން ކުރި ކަމެއްގެ ގޮތުގައި މުފްތީ މެންކް ސިފަކުރެއްވިއެވެ. އަދި މިހާރު ކަންކަން ހިނގަމުން ދަނީ މި ހާދިސާގައި ކަން ހިނގި ގޮތާ މުޅިން ހިލާފަށް ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުގައި މުފްތީ މެންކް ވަނީ މީގެ ކުރިން މާލެ ސިޓީ އަދި އައްޑޫ ސިޓީގައި ދަރުސް ދެއްވާފައެވެ. މާދަމާ އިސްލާމީ މަރުކަޒުގައި މުފްތީ މެންކު ހުކުރު ހުތުބާ ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. ހުތުބާގެ މައުލޫއަކަށް ކަނޑައަޅާފައިވަނީ ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދައި ހަރަދު ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ދަތުރުގައި ހުކުރުދުވަހުގެ ރޭ ހާއްސަކޮށްފައިވަނީ ޒުވާނުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ އިވެންޓަކަށެވެ. މި އިވެންޓުގައި ޒުވާނުން އޮޅުންފިލުވަން ހުރި މުހިންމު މައުޟޫތަކަށް މުފްތީ މެންކު ވާހަކަދެއްކެވުމަށް ވަނީ ހަމަޖައްސައިފައެވެ. މި އިވެންޓުގައި ސުވާލު ކުރުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެއެވެ.
މުފްތީ މެންކުގެ ރާއްޖެއަށް ކުރައްވާ ދަތުރުގެ އެންމެ ފަހު ހަރަކާތަކަށް ބޭއްވުމަށް ހަމަޖައްސާފައިވަނީ ވޯކްޝޮޕެކެވެ. ރާއްޖޭގެ އިލްމުވެރިންނަށް ބޭއްވުމަށް ހަމަޖައްސާފައިވާ މި ވޯކްޝޮޕްގައި އިލްމުވެރިންނަށް ދައުވަތުގެ މާހައުލުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިލްމުވެރިން ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަންތަކެއްވެސް މި ވޯކްޝޮޕްގައި ހިމަނާފައިވެއެވެ.
މުފްތީ މެންކުގެ ދަތުރުގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.