ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލިފައިވާ ނަސްރުﷲ އަބްދުﷲ އާއި ކ. ކަގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ކަނޑަށް ވެއްޓި ގެއްލުނު އެ ދޯނީގެ ކެޕްޓަން، މުހައްމަދު ޔޫސުފް ހޯދުމުގެ އޮޕަރޭޝަން އަދިވެސް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް "ވަން" އަށް މިރޭ ވިދާޅުވީ، ދެމީހުން ހޯދުމުގެ އޮޕަރޭޝަން ވެސް ހުއްޓާ ނުލާ ކަމަށެވެ. އެގޮތުން ކަނޑުގެ ސާފޭސް އަދިވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މިމަހުގެ ދެ ވަނަ ދުވަހު ރޭ 7:07 ހާއިރު ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި އެއަތޮޅު ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓަކަށްފަހު ނަސްރުﷲ، 41 އ. ގެއްލިގެން ހޯދަމުންދާތާ މިއަދަށް 15 ދުވަސް ވާނެއެވެ.
އެ އެކްސިޑެންޓަށްފަހު ނަސްރުﷲ އިން ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. އަދި ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ޑިންގީގެ ބައިތަކެއް ފެނުނުއިރު، ބ. ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރު މިދިޔަ ހަފްތާގެ ބުދަ ދުވަހު ކަނޑުގެ 46 މީޓަރު އަޑިން ޑިންގީ ވަނީ ނަގައިފައެވެ.
ނަމަވެސް މިހާތަނަށް ވެސް އޭނާގެ ހިލަމެއް ވެފައެއް ނުވެއެވެ.
މިމަހުގެ ހަ ވަނަ ދުވަހު ފަރަށްއެރި "ޓީޓީއެސް ފާނަ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނިން ގެއްލުނު ޔޫސުފް ގެއްލުނުތާ މިއަދަށް 10 ވެގެންދިޔައިރު އޭނާގެ ހިލަމެއް ވެސް އަދި ވެފައެއް ނުވެއެވެ. ނަމަވެސް އޭނާ ހުރި ދޯނި ފަރަށް އަރާފައިވާ ސަރަހައްދުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ވަޅިއަކާއި، ތުވާޔެއްގެ އިތުރުން ކަރަންޓު ބައެއް ސާމާނު ފެނިފައެވެ.
އެތަކެތީގެ ތެރެއިން ވަޅި ފެނިފައިވަނީ ދޯނި އުރިފައިވާ ސަރަހައްދާ ކައިރިން 41 މީޓަރު އަޑިންނެވެ. އަދި ތުވާލި ފެނިފައިވަނީ 48 މީޓަރު އަޑީގައި އޮއްވައެވެ. އެ ތުވާލީގައި ލޭގެ އަސަރު ހުރި ކަމަށްވެއެވެ. ނަމަވެސް އެއްޗެއް އިދާރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޔޫސުފް ގެއްލުމުގައި ޖަވާބު ނޭނގޭ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އެގޮތުން ދޯނި ފަރައް އަރާފައިވަނީ ކީއްވެގެން ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. ދޯނި އުރުނުއިރު އޭގައި ތިބީ ކައްޕި ޔޫސުފްގެ އިތުރުން ބަގްލަދޭޝްގެ ދެ މީހެކެވެ.
އެގޮތުން ފުރަތަމަ ބެލެވުނީ ދޯނި ފަރަށް އެރުމުގެ ކުރިން ކައްޕި ގެއްލުނީ ކަމަށެވެ. ނަމަވެސް އެދޯނި ފަރަށް އަރާފައި ވަނިކޮށް އެ ދޯންޏަށް އެހީވުމަށް އިތުރު ބަޔަކު އެ ސަރަހައްދަށް ދިޔަ ކަމާއި އޭރު އެދޯނީގައި ތިން މީހުން ތިއްބެވެ. އަދި އެ މަންޒަރުތައް ފެންނަ ފޮޓޯތައް ވެސް ވަނީ އާންމުވެފައެވެ.
ނަމަވެސް އެކަމާ ގުޅިގެން ވެސް ކަމާގުޅޭ އެއްވެސް އިދާރާއަކުން އަދިވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.