ފާއިތުވި ދެ ދުވަހު ހިމަބިހީގެ އިތުރު ކޭސްއެއް ފެނިފައިނުވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހިމަބިހީގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހިމަބިހީގެ އަލާމާތްތައް ފެނިގެން މިއަދުވެސް އަށް މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކުވެސް ހިމަބިއްސަށް ޕޮސިޓިވް ވެފައިނުވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހިމަބިހި ފެތުރެމުންދާ ސަރަހައްދުގެ ގޭބިސީތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކާއި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ 70 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.
އޭގެ އިތުރުން ހާލަތު ގޯސްވެ، ގިނަ މީހުން ހިމަބިއްސަށް ޓެސްޓު ކުރަންޖެހިއްޖެ ހާލަތެއްގައި އެމަސައްކަތް ކުރާނެ ސަރަހައްދެއް މާލޭގައި ކަނޑައަޅައި، އެތަނުގެ ސެޓަޕް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ވިލިމާލެއިން ބައްޔަށް ޝައްކުކުރެވޭ މީހުން މާލެ ގެނައުމަށް ހާއްސަ އިންތިޒާމެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް ޕޮސިޓިވް ވެފައިވަނީ ތިން މީހެކެވެ. ނަމަވެސް މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމުން ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ބަލި ޖެހުނު ފަރާތްތައް އުޅުނު މީހުން ގޮސް އުޅުނު ތަންތަނުގައި އުޅޭ މީހުންނަށާއި ވެކްސިންގެ ދެޑޯޒު ފުރިހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ދަނީ ކުރަމުންނެވެ.