ޚަބަރު

އިގުތިސާދީ ތަރައްގީ ގެނެވޭނީ މޫސުމަށް އަންނަ ބަދަލުތައް ފޫބެއްދިގެން: މިނިސްޓަރު ޝާހިދު

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ އިގްތިސޯދު ތަރައްގީ ކުރެވޭނީ މޫސުމަށް އަންނަ ބަދަލުތައް ފޫބައްދޭނެ ގޮތްތައް ހޯދައިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ރައިޒީނާ ޑައިލޮގްގައި އިއްޔެ ތަގުރީރު ކުރައްވަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ފޫބައްދާނެ ގޮތްތަކެއް ހޯދައިގެން ނޫނީ ރާއްޖޭގެ އިގްތިސޯދު ތަރައްގީކޮށް، މަޝްރޫއުތައް ހިންގުމަށް އޮތް އެންމެ ރަނގަޅު ދެމެހެއްޓެނިވި ޕްލޭންތައް ހަގީގަތަކަށް ނުހެދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާގޮތުގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ގްލޯބަލް ވާމިން އިންޑަސްޓްރިއަށް ލެވެލަށްވުރެ އެއް ޑިގްރީ ސެލްޝިއަސް އަށް މައްޗަށް ގޮސްފައިވާ ކަމަށާއި އޭގެ މާނައަކީ އިތުރަށް ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ އިތުރުން މޫސުމީ ތަފާތު ހާދިސާތައް ވެސް ކުރިމަތިވުން ކަމަށެވެ.

އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ފަދަ ތިރި ގައުމުތަކަށް ނުރައްކާވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ގިރަމުންދާ ކަމަށާއި ފަރުތަކުގެ މުރަކަތައް މަރުވުން ފަދަ ކަންކަން ކުރިމަތިވަމުންދާ ކަމަށެވެ.

އޭގެ އިތުރުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، ވިހަވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަސަރުކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖެފަދަ ފޮރިން ކަރަންސީ ހޯދުމުގައި މަސްވެރިކަމަށް ބިނާވެފައި އޮންނަ ގައުމަކަށް ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

އެގޮތުން މޫސުމީ ބަދަލުތައް ހައްލުކުރުމަށް ރާއްޖޭގެ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރު ޝާހިދުގެ ތަގުރީރުގައި ފާހަގަކުރެއްވިއެެވެ. އެގޮތުން، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަަނަ އަހަރުގެ ކުރިން ހުއްޓާލުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުން ފަދަ ކަންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތައް ހައްލުކުރުމަށް ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހުޅުވާލައިގެން މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންގޮސް، ގައުމުތަކުގެ މެދުގައި ހިޔާލު ބަދަލުކޮށް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަކީ ބިނާކުރަނިވި އަދި ދެމެހެއްޓެނިވި ހައްލު ބޭނުންވާ ކަމެއްކަންވެސް މިނިސްޓަރު ވާހަކައިގައި ފާހަގަކުރައްވާފައި ވެއެވެ.

ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. މިނިސްޓަރު ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.