ޓުރިޒަމާ ބެހޭ ގަވާއިދުތަކަށް އިސްލާހު ގެނައުމަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން މިހާރު އަމަލުކުރަމުން އަންނަ ހުރިހާ ގަވާއިދުތަކެއް އިސްލާހުކޮށް ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު އަލުން އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.
އިސްލާހު ހުށަހެޅުމަށް މިއަދު ހުޅުވާލާފައި ވަނީ ތިން ގަވާއިދަކަށެވެ. އެއީ:
1. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާ ބެހޭ ގަވާއިދު
2. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓު ރިޒޯޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވާއިދު
3. ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާ ބެހޭ ގަވާއިދު
އެ ތިން ގަވާއިދަށް އާންމު ފަރާތްތަކަށް ފެންނަ ގޮތަކަށް އިސްލާހުތައް ހުށަހެޅުމަށް ހުޅުވަލާފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މިއަދު ހިޔާލަށް ހުޅުވާލި ތިން ގަވާއިދުގެ އިތުރުން، އެގޮތަށް އަލުން އެކުލަވާލަން ހަމަޖައްސާފައިވާ އެހެނިހެން ގަވާއިދުތައްވެސް ކުރިއަށް އޮތްތަނުގައި އާންމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.