ރާއްޖޭގެ އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކޮށް، ފަސް ރަށުގެ ބަނދަރު ހެދުމަށް އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (އޯޕެކް ފަންޑް)އިން 50 މިލިޔަން ޑޮލަރުގެ ލޯނު އެހީ ދީފި އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލޯން އެގްރީމެންޓުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ޑރ. އަބްދުލްހަމީދް އަލް ހަލީފާއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ލޯނުގެ ދަށުން އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ފަސް ރަށެއްގެ ބަނދަރު ރިހެބިލިޓޭޓް ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ސަބަބުން 20،000 ރައްޔިތުންނަށް އެކަމުގެ ނަފާ ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަމަޖައްސާފައިވާ ރަށްތައް:
ހދ.ނެއްލައިދޫ
ހދ.ނޭކުރެންދޫ
ހދ.މަކުނުދޫ
ށ.ފޭދޫ
ގދ.ވާދޫ
ގދ.ފިޔޯރީ
ބ.ކެންދޫ
އޭގެ އިތުރުން ބ. ދަރަވަންދޫގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ރަށްތައް:
ބ.ކުޑަރިކިލު
ބ.ދޮންފަނު
ބ.ކިހާދޫ
ގއ.ކޮލަމާފުށި
ގއ.ހޯނޑެއްދޫ
މި ރަށްތަކުގެ ޕްރޮޖެކްޓުތަކުގެ ޓެންޑަރިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއީ 50 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށެވެ.
ލޯނުގެ އިންޓްރެސްޓަކީ 4.6 ޕަސެންޓު ކަމަށާއި މިއީ 20 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދައްކާ ހަލާސްކުރަންޖެހޭ ލޯނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން 20 އަހަރު ދުވަހުގެ ތެރޭގައި ލޯނު ނުދެއްކިއްޖެ ނަމަ އިތުރު ފަސް އަހަރު (ގްރޭސް މުއްދަތު)ގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޯޕެކް ފަންޑަކީ 1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޯޕެކް ފަންޑުގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ މިފަދަ އިތުރު ޕްރޮޖެކްޓުތައް ރާއްޖޭގައި ކުރިއަށް ގެންގޮސް، ތަފާތު ދާއިރާތަކުން ރާއްޖެ ތަރައްގީ ކުރުމަށް ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް އޯޕެކް ފަންޑުން އެހީވާނެ ކަމަށް އެވެ.
މީގެ އިތުރުން 50 މިލިއަން ޑޮލަރުގެ މި ލޯނު ވަނީ މިއަހަރުގެ ބަޖެޓު އެކުލަވާލުމުގައި ކުރިންވެސް ހިމަނާފައި ކަމަށާއި، މި ލޯނުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ފިގާ އިތުރުވެގެން ނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލޯނުތައް ގިނަވެ ނުދެއްކިދާނެ ކަމުގެ ބިރު ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް އޯޕެކް އިން ދީފައިވާ އެއްވެސް ލޯނެއް ރީޕޭ ކުރުމުގައި ރާއްޖޭގެ ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުދައްކާފައި ނުވާކަމަށްވެސް އޯޕެކް ފަންޑުގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވިއެވެ.