ޚަބަރު

ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެއުމަށް، ހިޔާލު ހުށަހެޅުމުުގެ ފުރުސަތު ހުޅުވާލައިފި

އާނިފާ ހުސެއިން ސިރާޖް

ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެއުމަށް، ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އެއްމަސްދުވަހުގެ މުއްދަތަށް ހުޅުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) ގެ ދަށުން އެކުލަވާލައި އަމަލުކުރަމުން އަންނަ "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014" މުރާޖާކޮށް، އެ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދަކީ އާންމު ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކާއި، މަސްލަހަތުތަކާ ގުޅުންހުރި ވަރަށް މުހިންމު ގަވާއިދެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެ ގަވާއިދަށް ގެނެވޭ އިސްލާހުތަކަކީ އެންމެހާ ރައްޔިތުން އަދި ހާއްސަކޮށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ބިނާކުރަނިވި ހިޔާލާއި މަޝްވަރާއާއެކު ގެނެވޭ އިސްލާހުތަކަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

އެގޮތުން މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް (ފެބްރުއަރީ 16 ގެ ނިޔަލަށް) ދިވެހި ސިވިލް ސާވިސް ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ހިޔާލުތައް އީމެއިލުން ނުވަތަ ސިޓީގެ ޒަރީއާއިން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް ހުޅުވާލާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އީމެއިލް ކުރާނީ [email protected] އަށެވެ.