ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކުރުވާ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުޅަހެޔޮ ހަށިހެޔޮ އީދާ ގުޅިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހިޔާލު ތަފާތުވުންތައް ދޫކޮށް އެންމެން އެއްތާކުން ފެނުމަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ.
އެ ކުޅިވަރު އީދާ ގުޅިގެން މިރޭ ބޭއްވި ހާއްސަ ފުޓްބޯޅަ މެޗެއްގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިރޭ ކުޅުނު މެޗުތައް ބައްލަވައިލެއްވުމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ދަނޑަށް ވަޑައިގެންނެވިއެވެ.
މިރޭ އެންމެ ފަހުން ކުޅުނު ހާއްސަ ފުޓްބޯޅަ މެޗުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވަޒީރުން އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފެނިގެންދިޔައެވެ.