ޚަބަރު

އިންތިޚާބު ކާމިޔާބު ނުވީ އެކަނި ނިކުތުުމުން، މެންބަރުންތިބީ ބާކީކޮށްފައި: ރިޔާޒް

1

ރިޔާސީ އިންތިޚާބުން ބޮޑު ތަފާތަކުން ޕީޕީއެމް ބަލިވީ އިންތިޚާބަށް އެކަނި ނިކުތުމުން ކަމަށާއި އެކަނި ނިކުމެ ކާމިޔާބު ކުރެވޭ ވަރުގެ އެއްވެސް ޕާޓީއެއް ރާއްޖޭގައި މި ވަގުތު އަދި ނެތް ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް މިރޭ ވިދާޅުވީ، ރައީސް މައުމޫނު ނުވަތަ ގާސިމް އިބްރާހީމް ފަދަ ބޭފުޅަކާ ނުލައި އެކަނި ނިކުމެ އެއްވެސް މީހަކަށް ރާއްޖޭގެ އިންތިޚާބު އަދި ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތަށް ބަލާ އިރު އެދެބޭފުޅުން ނުވަތަ އޭގެން ކޮންމެވެސް އެއް ބޭފުޅެއްގެ ސަޕޯޓު އޮންނަ ފަޅި އަކަށް ނޫނީ އިންތިޚާބު ކާމިޔާބު ނުވާނެކަން ކުރީން ވެސް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ގެއްލުނު ސަބަބު ތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރުން ކެޕޭނުން އެކަހެރިކޮށް ބާކީ ކުރުން ވެސް ހިމެނޭ ކަމަށެވެ. އެ ގޮތުން ގިނަ ދާއިރާ ތަކުގެ ކެމްޕޭނަށް މެޑަމްގެ އޮފީސް މެދުވެރިވެގެން ނަގާފައި ތިބި ކޯ ޓީމު ތަކަކީ ދާއިރާގެ ކަންކަން ރަނގަޅަށް ނުވެސް އެނގޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނާ ސަރުކާރާ ގުޅުވައިދޭ ފާލަމަކީ ހަގީގަތުގަ މަޖިލީހުގެ މެންބަރުން. ކޮންމެ މެންބަރެއްގެ ފަހަތުގައި ގިނަ ރައްޔިތުން ތަކެއް ތިބޭނެ. މެންބަރުންނަށް ލިބޭ މުސާރަ އެއްކޮށް މި ހޭދަ ކުރަނީ ދާއިރާގެ ކަންކަމަށް. އެމީހުންގެ ބަލަދުވެރިއެއް ކަހަލަ މީހަކަށް މެންބަރު ވެފަ މި އޮންނަނީ. އެހެންވީމަ މެންބަރު ބާކީކޮށް ކެމްޕޭން ކުރީމަ އޭގެން ވާނެ ގެއްލުން މި އެނގުނީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ އެގޮތަށް ނަގާފައި ތިބި ކޯޓީމު ތަކުގެ މީހުނަށް ރަށްރަށަށް ގޮސް ސިޔާސީ މަސައްކަތް ކުރަން ނުވެސް އެނގޭ ކަމަށާއި އެހެން ނަމަވެސް އެ ކެމްޕޭން ތެރެޔަށް ވަނުމުގެ ފުރުސަތު މަޖިލިސް މެންބަރުންނަށް ނެތް ކަމަށެވެ.

"އެންމެ ކުޑަމިނުން އަޅުގަނޑުގެ ދާއިރާގެ ވޯޓު ފޮއްޓެއްގެ ކައިރިޔަށް ވަދެލާނެ ފާސްގަނޑެއްގެ ހިސާބުވެސް ނުދިން. މަސައްކަތް ކުރަން އިސްކޮށް ނެރެފަ ތިބީ އިޚުލާސްތެރިންނެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މެންބަރުންނާ މެދު ކަންކަން ކުރި ގޮތުން ގިނަ މެންބަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ޝަރުއީ ނިޒާމާ މެދު ކަންކަން ކުރެވެމުން އައި ގޮތުން ވެސް ރައްޔިތުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑުވި ކަމަށެވެ. އެގޮތުން ކޯޓު އަމުރުތަކަށް ތަބާ ނުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ކޯޓުތަކުން ނެރޭ ހުކުމްތައް ތަންފީޒު ކުރުން ނޫން ޗޮއިސް އެއް ސަރުކާރަށް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟