ސަރުކާރު ސުކޫލުތަކުގެ އިތުރުން އަމިއްލަ ސުކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ކުދިންގެ ވެކްސިން މައުލޫމާތު ހާމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ރާއްޖޭގެ ހުރިހާ ސުކޫލަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ދަރިވަރުންނަށް ތައުލީމު ދިނުމަކީ މިނިސްޓްރީއާއި ސުކޫލުތަކުގެ ޒިންމާއެއް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ގައުމީ ވެކްސިން ތާވަލަށް މިދިޔަ އަހަރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުގެނެސްފައިވާ ކަމަށާއި އެ ބަދަލާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލުތަކަށް ކޮންމެ ގުރޭޑަކަށް އަލަށް އެންރޯލުކުރާ ކުދިންނާއި އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލުކުރާ ކުދިންނަކީ ގައުމީ ވެކްސިން ތާވަލުގައި ފުރިހަމަ ކުރަން ޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިވާ ކުދިންކަން މިއަދުން ފެށިގެން ކަށަވަރުކޮށް ބެލުމަށް ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަނުގެ ސާކިއުލާގައި ބުނެފައިވެއެވެ.
އެޑިއުކޭޝަނުން ބުނީ ރާއްޖޭގައި ހިންގާ ސަރުކާރު، އަވަށު އަދި އަމިއްލަ ސުކޫލުތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ވެކްސިން ފުރިހަމަކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ މައުލޫމާރު އަންނަ މަހުގެ 27 ވަނަ ދުވަހުގެ ކުރިން މީމިސް އަށް އަޕްޑޭޓްކޮށް، މީމިސް މެދުވެރިކޮށް ދަރިވަރުންގެ މައުލޫމާތު ސުކޫލުތަކުން ބަލަހައްޓަމުން ގެންދަން ޖެހޭނެ ކަަމަށެވެ.
ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ތާވަލު ފުރިހަމަ ނުކުރާ ދަރިވަރަކު އެއްވެސް ސުކޫލަކަށް ފާހަގަ ވެއްޖެނަމަ އެ ދަރިވަރެއްގެ މައުލޫމާތު ވަގުތުން އެޑިއުކޭޝަންގެ ސުކޫލު ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވައި، އެ ސެކްޝަން މެދުވެރިކޮށް އެޗްޕީއޭގެ ވެކްސިން ޕްރޮގުރާމުގައި ބައިވެރިކޮށް ވެކްސިން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށް އަންގާ ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.
ވެކްސިން ފުރިހަމަ ނުކޮށް ހުރި ކުޑަކުއްޖެއްގެ އިތުރުން ބޮޑު މީހެއްގެ ގައިން ހިމަބިހި ފެނި، ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ. އަދި ވެކްސިން ފުރިހަމަ ނުކޮށް ތިބި ފަރާތްތައް ވެކްސިން ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ހެލްތު މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ވެކްސިން ނުޖަހާ މީހުންގެ މައްސަލަ ފެންމަތިވެފައި ވާއިރު، ސަރުކާރުގެ އެއްވެސް ސުކޫލަކަށް ވެކްސިން ނުޖަހާ ކުއްޖަކަށް ވަދެވޭނީ ވެކްސިން ދިނުމަށް ފަހުގައި ކަަމަށާއި ނަަމަވެސް ވެކްސިން ނުޖަހާ ކުދިން ވައްދާ އަމިއްލަ ފަރާތްތަކުގެ ސުކޫލުތައް އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.