ރައްޔިތުންގެ މަޖިލީހުގެ ދިހަ މުވައްޒަފަކު އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ލޮކް ސަބާގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެއްޖެއެވެ.
އެ ތަމްރީނު ޕްރޮގްރާމަކީ މިމަހުގެ 11 އިން 18ގެ ނިޔަލަށް ކުރިއަށްގެންދާ ލޮކް ސަބާގެ ރިސާޗް އެންޑް ޓްރެއިނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) އިން ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ.
ޕްރައިޑުން ހިންގާ އެ ތަމްރީނު ޕްރޮގްރާމަކީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އާއި އިންޑިއާގެ ގާނުނު ހަދާ މަޖިލީހުގެ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ. އެ ތަމްރީނު ޕްރޮގްރާމުގައި ގާނޫނު ހެދުމާއި ޕާލަމަންޓުތަކަށް ހާއްސަ ސްފްޓުވެއާ ހެދުމާއި އައިޓީ ދާއިރާގެ ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާ އެމްބަސީން މައުލޫމާތުދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީކޮށް ފަންނީ ފުރުސަތުތައް ލިބިދޭ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޮކް ސަބާއާއެކު ރައްޔިތުންގެ މަޖިލީހުން ސޮއިކުރީ މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކް ސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދުގައި ބަރުލަމާނީ ގުޅުން ބަދަހިކުރުމުގެ އިތުރުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީ ކުރުމާއި ފަންނީ ފުރުސަތުތަކަށް މަގުފަހި ކުރުމަށް ރަސްމީ އޮނިގަނޑެއް އެކުލަވައިލާނެއެވެ.