ޚަބަރު

ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަނީ

މާލޭގައި ހުންނަ މަތީ ސާނަވީގެ ގުރޭޑްތައް ކިޔަވައިދޭ ސުކޫލް، ސީއެޗްއެސްއީގެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރަން މަޝްވަރާތަކެއް ކުރަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަދި އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި އެ ނިންމުން ނިންމީ މަގުތައް ބޮޑުކޮށް، ވެހިކަލް ޕާކު ކުރާނެ ތަންތަން ހަދަން ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން، ލިލީ މަގު ބޮޑުކުރުމަށް ބޭނުންވާތީއެވެ. އެގޮތުން އަމީނިއްޔާ ސުކޫލުގެ ފާރުގެ ބައެއް ވެސް މިހާރު ވަނީ އެތެރެއަށް ޖައްސައިފައެވެ.

މީގެ 41 އަހަރު ކުރިން ކިޔަވައިދޭން ފެށި ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން މަޝްވަރާ ކުރަން ފަށާފައިވާއިރު، ސީއެޗްއެސްއީގެ އެއް ބައި ތަޅާލައި އެތަނުގައި އަށް ބުރީގެ އާ އިމާރާތެއް އެޅުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ވަނީ ހަވާލުކޮށްފައެވެ.

ސާދަ މަސް ދުވަސް ތެރޭގައި އެ އިމާރާތުގެ މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 33 މިލިއަން ރުފިޔާއަށެވެ. އެގޮތުން 19 ކުލާސް ރޫމާއި ހަ ލެބޯޓަރީ އާއި ހަަތަރު ސްޓާފް ރޫމާއި ހަތަރު ސްޓޯރު ހިމެނޭ އާ އިމާރާތް އެޅުމަށް އެކުންފުނިން ވަނީ ސީއެޗްއެސްއީގެ އެއް ބައި ތަޅާލައި އެތަން ސާފު ވެސް ކޮށްފައެވެ.

ނަމަވެސް ސަރުކާރުން އެ ސުކޫލް ހުޅުމާލެއަށް ބަދަލުކުރަން މަޝްވަރާ ކުރަމުންދާތީ، މަސައްކަތް ހުއްޓާލަން ސަރުކާރުން އާރުސީސީއަށް ވަނީ އަންގައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުމާލޭގައި ސީއެޗްއެސްސީގެ އާ އިމާރާތް އަޅަން ހަމަޖައްސާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައެވެ. ނަމަވެސް އެތަނުގައި ކިޔަވައިދޭން ފަށާނީ މައުލޫމާތު ލިބިފައިވާ ގޮތުގައި އަދި މީގެ ދެ އަހަރެއްހާ ފަހުންނެވެ.

ހާހަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ސީއެޗްއެސްސީ ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ވަނަ އަހަރުއެވެ. އެއީ ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ)ގެ ނަމުގައެވެ. އެމެރިކާގެ ޕްރިންސިޕަލަކާއެކު އޭރު އެތަނުގައި 47 ދަރިވަރުން ކިޔަވަމުންދިޔައެވެ. ނަމަވެސް އެސްއީސީގެ ނަން ސީއެޗްއެސްއީގެ ނަމަށް ބަދަލުކުރީ 2001 ވަނަ އަހަރުއެވެ.