ޚަބަރު

އެމްޑީޕީއަށް ކައުންސިލްތައް ނުލިބިއްޖެނަމަ ވައުދުތައް ފުއްދަން ހުރަސްތަކެއް ކުރިމަތިވާނެ: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެނަމަ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ19 ރަށަށް"ގެ ނަމުގައި ތިލަދުންމައްޗަށް އެމްޑީޕީން ކުރަމުންދާ ދަތުރުގައި ހދ. ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ދިން އަޣުލަބިއްޔަތާއެކު ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ވަރަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން ކުރާ ކަންތައް ބަލައި ޒިންމާދާރު ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ދައުރު އަދާކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތައް ކުރުމުގައި އެހީތެރިވެ ސަރުކާރުގެ ވައުދުތައް ތަންފީޒުކުރުން ކަމަށްވާއިރު، އެކަންކަން ކުރެވޭނީ ސަރުކާރުގެ ވައުދުތައް ގަބޫލުކުރާ އެ ވިސްނުންހުރި ބަޔަކަށް ކަމަށެވެ.

އެގޮތުން އެކަން ކުރެވޭނެ ބަޔަކީ ހަމައެކަނި އެމްޑީޕީ ކަމަށާއި އެމްޑީޕީއަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ވައުދުތައް ފުއްދުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑުވީ ވައުދުތައް ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމާއި ރަށު ތަރައްގީ ކުރުމަށް މިވީ ވައުދުތައް ފުއްދޭނީ މިކަން ދަންނަ ބަޔަކަށް. އަޅުގަނޑު ދަންނަ ގޮތުގައި މިކަން ދަންނަ ބަޔަކަށް ތިބީ އެމްޑީޕީ. އެހެންކަމުން ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެބަޖެހޭ އެމްޑީޕީއަށް ކާމިޔާބުވާން.... އެހެންގޮތަކަށް މިކަން ހިނގައްޖެނަމަ ވައުދުތައް ފުއްދުމުގައި ހުރަސްތަކެއް ކުރިމަތިވާނެ،" ރައީސް ވިދާޅުވިއެވެ.