ޚަބަރު

ރަށްރަށުގައި ވެކްސިން ނުޖަހާ ތިބި ކުދިންގެ ދަފްތަރެއް އެކުލަވާލަނީ

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގައި ހިމަބިހި ފެތުރެން ފެށުމާ ގުޅިގެން ރަށްރަށުގައި ވެކްސިން ނުޖަހާ ތިބި ކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.

ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކުޑަ ކުއްޖަކާއި ބޮޑު މީހެއް ރާއްޖެއިން ފެނިފައިވާ އިރު، ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށާއި ވެކްސިން ނުޖަހައި ނުވަތަ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން އެކަން އަވަހަށް ކުރުމަށް މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ އަންގައިފައެވެ.

ހިމަބިހީގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީން މިރޭ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ހުރި ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ދަފްތަރު މި ކުރަނީ ގަސްތުގައި ވިޔަސް އޮޅިގެން ވިޔަސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ މީހުންނަކީ ކޮބައިތޯ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާ ކުޑަކުދިންގެ ލިސްޓެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ފަށައިގެން 24 ގަޑިއިރުގެ ތެރޭގައި ނިންމައި ނުލެވުނު ކަމަށެވެ.

ނަމަވެސް މާދަމާގެ ނިޔަލަށް ލިސްޓުގެ ބޮޑުބައެއް އެކުލަވައިލެވޭނެ ކަމަށާއި އަދި މި ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ އެއްވެސް ރަށެއް އިސްތިސްނާ ނުވާގޮތަށް ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ކުދިންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލައި އެކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ރަށްރަށުގައި ކުރިއަށްގެންދާނެ ކަމަށެވެ.

އެގޮތުން މިހާރު 48 ރަށުގައި ތިބި ވެކްސިން ނުޖަހާ ކުޑަކުދިންގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މައުލޫމާތުތައް ލިބުމާއެކު އެކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށްވެސް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރުވެސް 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން އަވަހަށް ވެކްސިން ފުރިހަމަކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.