ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ގިނަ އަދަދެއްގެ އަންހެން ބޭފުޅުންނަށް ފުރުސަތު ދެއްވުމުން ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮކޯ ނޮޑާ އެކަމަށް ތައުރީފްކުރައްވައިފިއެވެ.
ޝޮކޯ ނޮޑާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ކެބިނެޓްގެ 32 އިންސައްތައަކީ އަންހެނުން ކަމަށާއި ކެބިނެޓުގައި 30-35 އިންސައްތަ އަންހެން ބޭފުޅުން ހިމެނެނީ އެންމެ ދިހަ ގައުމުގައި ކަމަށެވެ.
ޝޮކޯ ނޮޑާ ވިދާޅުވީ ކެބިނެޓުގައި ޖިންސީ ހަމަހަމަކަން ދަމަހައްޓަނީ އެންމެ ހަ ގައުމަކުން ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ އަންހެން ބޭފުޅުން ހިމެނޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ކެބިނެޓުގައި ހަތް އަންހެން ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރެއިން ޑިފެންސް މިނިސްޓަރަކަށް މާރިޔާ އަހްމަދު ދީދީ އައްޔަންކުރެއްވުމާއެކު، މާރިޔާ ވެގެންގޮސްފައިވަނީ ޑިފެންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރަށެވެ.
މާރިޔާގެ އިތުރުން ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އަންހެން ވަޒީރުންނަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދާއި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އާމިނަތު އާތިފާއާއި ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފާއި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އަދި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.