ޚަބަރު

ކައުންސިލްތަކުން ސީދާ ވިޔަފާރިކުރުމުގެ ވިސްނުން ނުގެންގުޅެން ރައީސް އިލްތިމާސް ކުރައްވައިފި

ކައުންސިލްތަކުން ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގާއިރު ސީދާ ވިޔަފާރިކުރުމުގެ ވިސްނުން ނުގެންގުޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް އެގޮތަށް އިލްތިމާސް ކުރެއްވީ ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން މިއަދު ބޭއްވި "ތިލަދުންމަތި އިރުވައި ކޮންފެރެންސް"ގައި އުތުރުގެ ރަށްތަކުގެ ކައުންސިލްތަކުން ހިންގަން ވިސްނުމުގައި ހުރި ޕްރޮޖެކްޓުތައް ހުށަހެޅުމަށް ބޭއްވި ސެޝަންއަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކައުންސިލްތަކުން ސީދާ ވިޔަފާރި ކުރުމުގެ ބަދަލުގައި ކައުންސިލްތަކުން ޕްރޮޖެކްޓުތައް ހިންގުމަށް ވިސްނަންވާނީ ވިޔަފާރިކުރަން ބޭނުންވާ އެހެން ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

"ޕްރޮޖެކްޓުތައް ރާވާއިރުގައި އަޅުގަނޑުގެ އެދުމަކީ ކައުންސިލުން ސީދާ ވިޔަފާރި ކުރުމުގެ ވިސްނުން ނުގެންގުޅުން. ފެސިލިޓޭޓްކޮށް، ވިޔަފާރި ކުރަން ބޭނުންވާ އެހެން ފަރާތްތަކަށް އެ ފުރުސަތުތައް ހޯދައިދިނުން. ކޯޕަރޭޓިވް ސޮސައިޓީއަށް ހިއްސާވާ ގޮތަށް އުފެއްދޭނެ،" ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކުން ހުށަހެޅި ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި ރަށުގައި މަސް ބަންދުކުރާ ފެކްޓަރީތަކާއި އައިސް ޕްލާންޓު ގާއިމުކުރުމުގެ އިތުރުން ވެއާހައުސްތައް ގާއިމްކުުރުމާއި ކުނި މެނޭޖްކުރުމާއި ދަނޑުވެރިކަމާއި ގެސްޓު ހައުސްގެ ސިޔާސަތާއި ގުޅޭ ޕްރޮޖެކްޓުތައް ހިމެނެއެވެ.

މިއަދުގެ ކޮންފަރެންސްގައި ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުން ހުށަހެޅީ ވަރަށް ރަނގަޅު ވިސްނުންތަކެއް ކަމަށާއި ނަމަވެސް ކައުންސިލްތަކުން ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަދި ހައުސިންއާ ގުޅޭގޮތުން މާބޮޑެތި ވިސްނުންތަކެއް ނުގެންގުޅޭކަން ފާހަގަކުރެވުނު ކަަމަށެވެ.

އޭގެ ދޭހަވަނީ އެއީ މައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކެއްކަން ކައުންސިލަރުން ދެކެވަޑައިގަތުން ކަމަށާއި އެހެންކަމުން ދެން މައި ސަރުކާރުން ޕްރޮޖެކްޓުތައް ރާވާ ހިންގުމުގައި ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ކައުންސިލްތަކުން ބޭނުންވާ ގޮތަށް ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގުމަށް ސަރުކާރުން މަގުފަހިކޮށްދޭނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ކެމްޕެއިން މެނޭޖަރާއެކު ކައުންސިލަރުން ހުށަހެޅި ޕްރޮޖެކްޓުތައް ކަރުދާހަށް ނަގައި، ލޯކަލް ކައުންސިލް އިންތިހާބުގެ މައި ކެމްޕޭން ފެށުމުގެ ކުރިން އެ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ފެށޭވަރު ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.