ރެޑިކަލައިޒޭޝަން، ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމް ހުއްޓުވޭނީ ބައިނަލްއަގްވާމީ އެއްބާރުލުމާއެކު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އޮބްޒަވޭޝަން ރިސާޗް ފައުންޑޭޝަނުގެ ފޭސްބުކް ލައިވްގައި އެ ޝޯގެ ހޮސްޓް މާޔާ މިރްޗަންދަނީ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރާއްޖެއަށް ދިމާވެފައިވާ ރެޑިކަލައިޒޭޝަން، ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމްގެ ބިރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ އެއްވެސް ދީނަކަށް ނިސްބަތް ނުވާ ބައެއް ކަމަށެވެ. މި ކަންކަމަކީ ހުރިހާ ގައުމުތަކަކަށް ވެސް ދިމާވާ ކަންކަން ކަމަށާއި، މިކަމާ ދެކޮޅަށް މަސައްކަތް ކުރެވެން އޮތީ ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ރެޑިކަލައިޒޭޝަން، ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމްގެ މައްސަލައާ ދެކޮޅަށް ރާއްޖެއިން އިންޑިއާ، ސްރީލަންކާ، ޔޫއޭއީ އަދި އެމެރިކާ ފަދަ އެކުވެރި ގައުމުތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއްގައުމު އަނެއް ގައުމާއެކު އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކޮށްގެން މި ކަންކަމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ރެޑިކަލައިޒޭޝަން، ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅިގެންވެސް މިނިސްޓަރު ވަނީ މި ލައިވްގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ހަނގުރާމައަށް ދާ މީހުން މަދު ކުރުމުގެ ގޮތުން ބައެއް ގައުމުތަކަށް ސަރުކާރުގެ ހުއްދައާ ނުލައި ދަތުރު ނުކުރެވޭ ގޮތަށް ރާއްޖޭގެ ގާނޫނު ބަދަލުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ސީރިއާއަށް ސަރުކާރުގެ ހުއްދަ ނުލައި ދަތުރު ނުކުރެވޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުގެ ހުއްދައާ ނުލައި ސީރިއާއަށް ދަތުރު ކުރާ ފަރާތްތައް ގާނޫނީ ގޮތުން ކުށްވެރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރެޑިކަލައިޒޭޝަން، ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމްގެ ވިސްނުމުގެ ފިކުރަކީ ހަގު އުމުރެއްގައި ކުދިންގެ ބޮލުގައި އުފައްދާ ވިސްނުމެއް ކަމަށެވެ. އެގޮތުން މިކަން ކުރަނީ ޑިމޮކްރެޓިކް ގައުމަކުން ފޯރުކޮށްދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ފަދަ ހައްގުތަކުގެ ނާޖާއިޒު ބޭނުންކޮށްގެން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.