އިބްރާހިމް ޒަކީ
ހދ ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ކައުންސިލަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ އެއްގޮތް ނުވިއްޔާ އަނެއްގޮތުންވެސް ސަރުކާރުން ހޯދާނެ ކަމަށެވެ. އަދި އެފައިސާ ހަމަޖެހި ކަށަވަރު ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރާވާފައި ވަނީ ދައުލަތުގެ ބަޖެޓަށް އެކަމުގެ މާބޮޑު އަސަރެއް ނުކުރާނެ ގޮތަކަށް ކަމަށެވެ.
މި މަހާސިންތާގައި ހަނިމާދޫ އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސްކަތާބެހޭ ތަފްސީލް ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ހުރިހާ ކަމެއް ކާމިޔާބުކުރުމަށް ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް ތިލަދުންމަތީ ސަރަހައްދުގައި އޮތުން މުހިއްމު ކަމަށެވެ.
އަދި މިއަހަރުގެ މެދެއްހާ ހިސާބުގައި އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަޝްރޫއާބެހޭ ކޮންޓެރްޓަރާއެކު ސޮއިކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެހެންކަމުން މިއަހަރުގެ ފަހުކޮޅާ ހިސާބަށް ދާއިރު އެއަރޕޯޓްގެ މަސައްކަތް ކުރެވިގެންދާތަން ފެނިގެންދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވާ ކަމަށާއި، އެކަން ލަސްވީ، އުފެދުނު ހިޔާލުތަފާތުވުން ތަކެއްގެ ސަބަބުން ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ވާހަކަ ދެކެވި މިހާރު ހުރިހާ ކަމެއް ފައިނަލް ވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.