ޚަބަރު

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު މުތޯލިއާކޮށް، ހައްގުވެރިންނަށް އެހީ ކަށަވަރު ކުރަންޖެހޭ: ޝިދާތާ

އާނިފާ ހުސެއިން ސިރާޖް

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ގަވާއިދުން މުތޯލިއާކުރުމާއެކު، ހައްގުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓާ ކުރަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު އެންސްޕާއިން ކުރިއަށް ގެންދިޔަ “ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ގިނަ އެހީތަކެއްގެ ފައިދާ މުޖުތަމައަށް ލިބެމުންދިޔަ ނަމަވެސް އެހީ ހައްގުވާ ބައެއް އާއިލާތަކަށް ނިޒާމުގެ ތެރެއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މައުލޫމާތު ފުރިހަމައަށް ފޯރާފައިނުވާ ކަމަށާއި ހައްގުވެރި ނޫން ބައެއް ފަރާތްތަކުން ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ.

އޭގެ އިތުރުން ފަގީރު ހާލުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް އަދި ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް 2010 ވަނަ އަހަރުން ފެށިގެން ކުރިއަށް ދިޔަކަމުގައި ވިޔަސް، އެ އެހީތަކުގެ ސަބަބުން ފަރުދީ ގޮތުން ކުރަމުންދާ ހެޔޮ އަސަރު ދެނެގަނެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެ ނިޒާމު ގަވާއިދުން މުތޯލިއާކުރުމާއެކު، ހައްގުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓާ ކުރަންޖެހޭކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޔުނިސެޕް މޯލްޑިވްސްގެ އެހީތެރިކަމާއެކު، ޑިވެލޮޕްމަންޓް ޕާތުވޭގެ ފަރާތުން ކުރިއަށް ގެންދާ އިވެލުއޭޝަން މަސައްކަތުގެ ސަބަބުން، އެހީތައް އޭގެ ހައްގުވެރިންނަށް ފޯރާ މިންވަރާއި އެހީތަކުގެ ސަބަބުން އޭގެ ހައްގުވެރިންނަށް ކުރާ ފައިދާތަކާއި ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެނެގަނެވޭނެ ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މުޖުތަމައުގެ އެއްވެސް ފަރާތެއް ބާކީކުރުމެއް ނެތި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމެވެ. އަދި އެކަން މިހާރު ބައްޓަންކުރެވެމުން ދަނީ މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް، އާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން މި އަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް ގާތްގަނޑަކަށް 3.9 ބިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅުއްވައިފައިވާއިރު އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ހާއްސަކުރެވިފައިވަނީ ބޭސްފަރުވާ އަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ.

އިތުރު 1.3 ބިލިއަން ރުފިޔާ އުމުރުން ދުވަސްވީ މީހުނަށް ހާއްސަކުރެވިފައިވާއިރު، އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ހަރަދުތަކަށް 1.2 ބިލިއަން ރުފިޔާ ހާއްސަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުން ވެސް މުޅި މުޖުތަމައުގެ ހަމަހަމަކަމާއި ހަމަޖެހުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.