ޚަބަރު

ސައުތް ޕާމް ރިސޯޓުގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ

އާނިފާ ހުސެއިން ސިރާޖް

އައްޑުސިޓީގެ ސައުތް ޕާމް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ ސައުތް ޕާމް ރިސޯޓުގައި މަސައްކަތްކުރާ މީހަކު ޑިއުޓީއަށް ނައިސްގެން ބެލިއިރު ކޮޓަރީގައި ހަރާކާތެއް ނެތި އޮތުމުން އޭނާ ގޮވައިގެން ހުޅުމީދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:19 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މީހާ ހުޅުމީދޫ ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަށް ނެތް ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.