ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕްރޮޖެކްޓްތައް ޓެންޑަކޮށް ޕްރޮކިއު ކުރާއިރު ވިސްނުމަށް ކައުންސިލަރުންގެ ކިބައިން ރައީސް އެދި ވަޑައިގެންފި

އިބްރާހިމް ޒަކީ

ބަޖެޓުގައި ހުރި ޕްރޮޖެކްޓްތައް ޓެންޑަކޮށް ޕްރޮކިއު ކުރާއިރު ވަރަށް ބޮޑަށް ވިސްނުމަށް ކައުންސެލަރުންގެ ކިބައިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންފައި ވަނީ، ކުޅުދުއްފުށީގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ "އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ބައެއް ކައުންސެލަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ބޭފުޅުންނަށް ސަރުކާރުގެ ބައެއް ކަންކަން އޮޅުން ފިލުއްވައި ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ދައުލަތަށް އާމްދަނީ ލިބެނީ އެއްފަހަރާ ނޫން ކަމަށެވެ. އެ ހާލަތުގައި ހުރިހާ ޕްރޮޖެކްޓެއް އެއްފަހަރާ ފަށައި ތަންފީޒު ކުރަން ވެއްޖެނަމަ ބަޖެޓަށް އުނަދަގޫތަކެއް ދިމާވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކައުންސިލްތަކުން، ޕްރޮޖެކްޓްތައް ފަށާއިރު، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ވަރަށް ރަނގަޅު ފައިދާއެއް ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ރަނގަޅު ގޮތުގައި އެކަން ނުކޮށްފިނަމަ ޕްރޮޖެކްޓްތަކަށް ހުއްޓުން އަރައި ދަތިތައް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓްތައް ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް، ފިނޭންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާއެކު ކައުންސިލްތަކުން ރަނގަޅު ގުޅުމެއް ގާއިމު ކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބަޖެޓުގައި ހުރި ޕްރޮޖެކްޓްތައް ޓެންޑަކޮށް ޕްރޮކިއު ކުރާއިރު ވަރަށް ވިސްނަން ވާނެ، އާމްދަނީ ދައުލަތަށް މި ލިބެނީ އެއްފަހަރަކާއެއް ނޫން، މަހުން މަހަށް، ތިން މަހުން ހަމަހުން ލިބޭ އާމްދަނީއަކުން، އެއްފަހަރާ މި ހުރިހާ ޕްރޮޖެކްޓެއް ފަށައި ތަންފީޒު ކުރަން ވެއްޖެއްޔާ އުނދަގޫ ކަމަކަށް ވާނެ، އެހެންވީމަ ވަރަށް ގާތް ގުޅުމެއް އެބަ އޮންނަން ޖެހޭ ފިނޭންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ އެކީގަ ކައުންސިލްތަކުން، ޕްރޮޖެކްޓްތައް ފެށިގެންދާއިރު އަޅުގަނޑުހިތުން ލާމަރުކަޒީ ގާނޫނަށް މި ގެނެވުނު ބަދަލުގައި ވަރަށް ރަނގަޅު ފައިދާއެއް ރަށްރަށަށް، ކައުންސިލްތަކަށް ލިބިގެންދާނެ، އެކަމަކު ރަނގަޅު ގޮތުގައި މިކަން ނުކުރެވިއްޖެއްޔާ ޕްރޮޖެކްޓްތަކަށް އަނެއްކާވެސް ހުއްޓުން ތަކެއް އައިސް ދަތިތަކެއް ކުރިމަތިވެދާނެ، އެހެންމަކުން މިފަދަ ބައްދަލުވުންތައް ބާއްވައި އެކީގަ މަސައްކަތް ކުރެވޭނެ ރަނގަޅު ގޮތްތަކެއް ރާވަން ޖެހޭ، ފަށައި ގަތުމުގައި ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ ދާނީ ރަނގަޅަށް،" ރައީސް ވިދާޅުވިއެވެ.