ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރަޕްޝަނުން ދުރުވެ ތިބުމަށް ވަޒީރުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ކޮރަޕްޝަނަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެ ތިބުމަށް ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ކޮރަޕްޝަނަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެ ތިބުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސް އިލްތިމާސްކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސް އެކަމަށް އިލްތިމާސްކުރެއްވި އިރު، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށާއި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރައީސް ވަނީ ކޮމިޝަނެއް އުފައްދަވައިފައެވެ. ރައީސް އެ ކޮމިޝަން އެކުލަވާލައްވާފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.

އެ ކޮމިޝަން އުފެއްދުވުމުގެ މަގުސަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ހިޔާނަތްތަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގައި، ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އެންމެހާ ކަންތައްތައް ދެނެގަތުމަށްޓަކައި މިއަހަރުގެ ހިނގަމުންދާ ބަޖެޓާއި ކުރިއަށް އަންނަން އޮތް ބަޖެޓްގެ ތަފްސީލާއި، އިދާރާތަކުގެ މުވައްޒަފުން ތިބިގޮތުގެ ތަފްސީލާއި، އިދާރާތަކަށް ހިނގާ ގަވާއިދާއި އުސޫލުތަކުގެ އިތުރުން މެނުއަލްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ހިނގަމުން އަންނަ އަދި ރޭވިފައިވާ މުހިންމު މަސައްކަތްތައް ނުވަތަ އިދާރާތަކުން ހިންގާ ގައުމީ މަޝްރޫއުތަކުގެ މައުލޫމާތާއި، ކޮމިޓީތަކުން ހޯއްދެވި ހޯއްދެވުންތަކުގެ މައްޗަށް ރިއާޔަތްކޮށް، މައްސަލަ ހައްލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ވެސް މިއަދުގެ ޖަލްސާގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.