ޚަބަރު

މެޑަމް ލައިލާގެ ކުރީގެ ބޮޑީގާޑަށް އަހަރު ދުވަހުގެ މުސާރައާއެކު ވަޒީފާދޭން ކޯޓުން ހުކުމް ކޮށްފި

އިބްރާހިމް ޒަކީ

2

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީގެ ކުރީގެ ބޮޑީގާޑު ސ. ފޭދޫ އާސްތާނާ އަހުމަދު ފައްތާހު ވަޒީފާއިން ވަކިކޮށްފައި ވަނީ، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތަކާއެކު އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރު ވައްޓާލަން މަސައްކަތްތަކެއް ކުރިކަމުގެ ތުހުމަތުގައި 2016 ވަނަ އަހަރު ތަހުގީގަށް ހައްޔަރު ކުރި ސިފައިންގެ މީހުންގެ ތެރޭގައި، އޭރު އެމްއެންޑީއެފްގެ ކޯޕްރަލްގެ މަގާމުގައި ހުރި ފައްތާހު ހިމެނެއެވެ. ނަމަވެސް ތަހުގީގަށްފަހު ސިފައިންގެ ވަޒީފާއިން ވަކިކޮށް ފައްތާހު ވަނީ ދޫކޮށްލައިފައެވެ.

މިކަމާ ގުޅިގެން ފައްތާހު ކޯޓަށް މައްސަލަ ހުށަހެޅީ ހުރިހާ އިނާޔަތްތަކާއެކު ދެ އަހަރު ދުވަހުގެ މުސާރަ ހޯދުމަށާއި، އެމްއެންޑީއެފްގައި އޭރު އަދާކުރަމުންދިޔަ ވަޒީފާ އަލުން ހޯދުމަށެވެ.

ފައްތާހު ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ވަނީ އެމްއެންޑީއެފްގެ ކޯޕްރަލްގެ މަގާމުގެ ވަޒީފާ އަދާކުރަމުންދަނިކޮށް 18 އޯގަސްޓް 2016ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނުއަސާސީގެ 37 ވަނަ މާއްދާ އާއި، ސިފައިންގެ ގާނޫނާއި، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާއި، ސިފައިިންގެ އާއްމު ގަވާއިދާއި، ސިފައިންގެ އަހުލާގާއި ސުލޫކާ ހިލާފުވެފައިވާތީ ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށާއި، ޔުނިވާސަލް ޑިކްލަރޭޝަން އޮފް އިހުމަން ރައިޓްސް އާއި އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ މުއާހަދާގެ ދަށުން އެކަމަށް އިންސާފުވެރި ނިންމުމެއް ލިބުމުގެ ހައްގާގުޅޭ އުސޫލުތަކާ ހިލާފަށްކަމުގައި ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، "18 އޯގަސްޓް 2016 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތަށްވާ، 183،720 ރުފިޔާ އާއި އެ މުއްދަތުގައި ރަމަލާން މަހުގެ އިނާޔަތުގެ ގޮތުގައި ހައްގުވާ ފައިސާ، އަހުމަދު ފައްތާހަށް ދިނުމަށް ކަނޑައަޅައި، އެފައިސާ އަހުމަދު ފައްތާހަށް ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އަހުމަދު ފައްތާހު އަދާ ކުރަމުންދިޔަ ކޯޕްރަލްގެ ވަޒީފާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އަނބުރާ އިއާދަ ކޮށްދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަށާއި، ދިވެހި ދައުލަތަށް އަންގައި ހުކުމް ކޮށްފިން" ކަމަށެވެ.

ހުކުމްގައި އަދި ބުނެފައި ވަނީ ފައްތާހުގެ ފަރާތުން، ޑިފެންސް މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދައުވާ ކޮށްފައިވާ މި މައްސަލައިގައި ފައްތާހު އަދާކުރަމުންދިޔަ ވަޒީފާ އިއާދަ ކޮށްދިނުމަށާއި، އެއް އަހަރު ދުވަހުގެ މުއްދަތަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ދައުލަތުގެ ފަރާތުން އެއްބަސްވެ ޝަރީއަތުގައި އިގުރާރު ވެފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟