ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކައުންސިލްތަކަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދިނުމުގެ އުސޫލެއް ވަރަށް އަވަހަށް ކަނޑައަޅާނަން: އަމީރު

އިބްރާހިމް ޒަކީ

ސަރުކާރުގެ ކުންފުނިތަކަށް ސޮވެރިން ގެރެންޓީ ދީގެން މަސައްކަތް ކުރާގޮތަށް، ކައުންސިލްތަކަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދިނުމުގެ އުސޫލެއް ވަރަށް އަވަހަށް ކަނޑައަޅައި ގެޒެޓް ކުރައްވާނެ ކަމަށް، ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ "އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ކައުންސިލުތަކުން ކުރި ސުވާލުތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ކަންތައްތައް އޮޅުންފިލުވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކުގެ ބަޖެޓް ހެދުމުގައި ބަޖެޓްގެ އަމާޒަކަށް ވާން ވާނީ، ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފުދުންތެރި ގޮތެއްގައި ކައުންސިލަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި އަލަށް އިސްލާހު ކުރި ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކުން އިތުރު ވިޔަފާރި ހަރަކާތްތައް ހިންގުމަށް ހިމެނިފައި ވާ ކަމަށްވެސް މިނިސްތަރު ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓްރީގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކަށް ސޮވެރިން ގެރެންޓީ ދީގެން ވެސް މަސައްކަތްތަކެއް އެބަ ކުރަން، އަޅުގަނޑު އުސޫލެއް ކަނޑައަޅާނަން އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް، ކައުންސިލްތަކަށްވެސް އަޅުގަނޑުމެންނަށް ސޮވެރިން ގެރެންޓީ ދީގެން ހިންގޭނެ ޕްރޮޖެކްތްތަކުގެ އުސޫލެއް ކަނޑައަޅައި ގެޒެޓް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ގްރާންޓަށްވުރެ އިތުރަށް ކައުންސިލް ބަޖެޓްގައި ވިޔަފާރީގެ ހަރަކާތަކަށް ހަރަދު ކުރަން ހިމަނާ ނަމަ އެ ވިޔަފާރީގެ ހަރަކާތަކަށް ސަރުކާރުގެ ތެރެއިން ލޯނު ހޯދޭނެ މެކޭނިޒަމެއް ވެސް ހަމަޖައްސާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދޭ ގްރާންޓް ހިލޭ އެހީ، މިސާލަކަށް ކައުންސިލަކަށް މިލިބެނީ ހަ މިލިޔަން ރުފިޔާގެ ހިލޭ އެހީގެ ގްރާންޓެއް ކަމަށް ވަންޏާ ތިބޭފުޅުން ތިބޭފުޅުން ހިންގަން ބޭނުންވާ ވިޔަފާރިީގެ ހަރަކާތް ހަ މިލިޔަން ރުފިޔާއަށް ވުރެ އިތުރުވަނީ، މިސާލަކަށް 1.5 މިލިޔަން ރުފިޔާ އިތުރަށް ބޭނުން ވަނީ އެކަންތައްތައް ތިބޭފުޅުން ޕްރޮޕޯސަލް ހުށަހަޅައިގެން ސަރުކާރުގެ ތެރެއިން އެ ލޯނު ހޯދޭނެ މެކޭނިޒަމް ވެސް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން،" މިނިސްޓަރު ވިދާޅުވިއެވެ.