އިބްރާހިމް ޒަކީ
އަތޮޅު ކައުންސިލް ރައީސަށް 28 ހާސް ރަށު ކައުންސިލް ރައީސަށް 23 ހާސް ރަށު ކައުންސިލް މެންބަރަކަށް 12 ހާސް ރުފިޔާ މުސާރައިގެ ގޮތުގައި ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ "އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ސުވާލު ކުރުމުގެ ވަގުތު ކޮޅުގައި، ކައުންސިލަރުންގެ މުސާރައާ ބެހޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކައުންސިލަރުންގެ މުސާރައާ ބެހޭގޮތުން ސުވާލު ކުރައްވަމުން މުހައްމަދު ރަޝީދު، ވިދާޅުވީ، ގާނޫނުން ކައުންސިލްތަކަށް މިހާރު މާލީ މިނިވަންކަން ލިބިއްޖެ ކަމަށާއި، މާލީ މިނިވަން ކަމުގެ ދަށުން ސިޔާސީ މިނިވަން ކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް އިދާރީ މިނިވަންކަން އަދި ނުލިބޭ ކަމަށާއި، މިއަހަރުގެ އަތޮޅު ކައުންސިލް ވަކިން އަންނައިރު، ރައީސްގެ މުސާއަރަކީ ކޮބައިކަމާއި މެންބަރުންގެ މުސާރައަކީ ކޮބައި ކަމާއި، ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމާއި ކެޓަގަރީ ކުރާނެ ގޮތްތައް އަދި އެނގިފައި ނުވާ ކަމަށެވެ.
"މިއަހަރުގެ އަތޮޅު ކައުންސިލް މި އަންނަނީ ވަކިން. ރައީސްގެ މުސާރަ އަކީ ކޮން ގޮތަކަށް އޮތް އެއްޗެއް ކަމެއް ނޭނގޭ، ސެކްރެޓެރީ ޖެނެރަލުން އެއްތަން ކުރެވޭއިރު، އެމީހުން ކެޓަގަރީ ކުރެވެނީ ކޮން ގޮތަކަށްތޯ އާއި އެމީހުންގެ މުސާރަ ކަނޑައެޅެނީ ކިހާ ހިސާބަކުންތޯ، ކޮން ދަރަޖަތަކެއްތޯ، އެމީހުންނަށް ދެނީ ކިހާވަރެއްކަމެއް ނޭނގޭ،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މުހައްމަދު ރަޝީދުގެ ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަތޮޅު ކައުންސިލް ރައީސަކަށް އަށާވީސް ހާސް ރުފިޔާ، ރަށު ކައުންސިލްގެ ރައީސަކަށް ތޭވީސް ހާސް ރުފިޔާ، ޑެޕިއުޓީއަށް ފަނަރަހާސް ރުފިޔާ، އަދި މެންބަރަކަށް ބާރަހާސް ރުފިޔާގެ މަގުން މުސާރަ ހަމަޖެއްސެވުމަށް އެދިވަޑައިގެން މުސާރަ ޝީޓް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
"ސަރުކާރުން ވަނީ އަދަދުތަކެއް ކަނޑައަޅައިފަ، އޭގައި ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުން، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވި، މުސާރަ ޝީޓުގައި އޮންނާނީ ސިޓީގެ މޭޔަރަކަށް ސާޅީސް ހާސް ރުފިޔާ، ޑެޕިއުޓީ މޭޔަރަކަށް ތިރީސް ފަސްހާސް ރުފިޔާ، ސިޓީ ކައުންސިލް މެންބަރަކަށް ތިރީސްހާސް ރުފިޔާ، އަތޮޅު ކައުންސިލް ރައީސަކަށް އަށާވީސް ހާސް ރުފިޔާ، ރަށު ކައުންސިލްގެ ރައީސަކަށް ތޭވީސްހާސް ރުފިޔާ، ޑެޕިއުޓީއަށް ފަނަރަ ހާސް، މެންބަރަކަށް ބާރަ ހާސް، މި ސްޓްރަކްޗާ މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅާފަ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އަންނަ މަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުން، އެކަމަށް މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު މަޖިލީހުގެ ނިންމުން ނިންމާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މުސާރަ ޝީޓް ކުރިން އޮތީ މާލޭ ސިޓީކައުންސިލާއި އެހެން ސިޓީކައުންސިލް ތަކުގެ މުސާރަ ތަފާތުކޮށް ކަމަށެވެ. އަދި ހަތް މެންބަރުންގެ ކައުންސިލް ތަކާއި ފަސް މެންބަރުންގެ ކައުންސިލްގެ މުސާރަ ތަފާތުކޮށް ކަމަށެވެ. ނަމަވެސް މަޖިލީހަށް މިހާރު ހުށަހަަޅާފައި އޮންނާނީ ހުރިހާ ސިޓީ ތަކާއި ކުރިހާ ކައުންސިލްތަކެއް ހަމަހަމަކޮށް ތަފާތު ކުރުމެއް ނެތި މުސާރަ ހަމަޖެއްސުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ހުރިހާ ސިޓީތަކާއި، އަދި ހަތް މެންބަރުންނާއި ފަސް މެންބަރުންގެ ކައުންސިލްތަކުންވެސް ކުރަން ޖެހޭ މަސައްކަތްތައް އެއްވަރު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.