އިބްރާހިމް ޒަކީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރާ ސިޓީތަކުގެ މޭޔަރުންގެ މުސާރަ 40،000 ރުފިޔާއަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 35،000 ރުފިޔާ އަށް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ "އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ސުވާލު ކުރުމަށް މެންބަރުންނަށް ހުޅުވައިލި ފުރުސަތުގައި، ކައުންސިލަރުންގެ މުސާރައާ ބެހޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކައުންސިލަރުންގެ މުސާރައާ ބެހޭގޮތުން ސުވާލު ކުރައްވަމުން މުހައްމަދު ރަޝީދު، ވިދާޅުވީ، ގާނޫނުން ކައުންސިލްތަކަށް މިހާރު މާލީ މިނިވަންކަން ލިބިއްޖެ ކަމަށާއި، މާލީ މިނިވަން ކަމުގެ ދަށުން ސިޔާސީ މިނިވަންކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް އިދާރީ މިނިވަންކަން އަދި ނުލިބޭ ކަމަށާއި، މިއަހަރުގެ އަތޮޅު ކައުންސިލް ވަކިން އަންނައިރު، ރައީސްގެ މުސާރައަކީ ކޮބައިކަމާއި މެންބަރުންގެ މުސާރައަކީ ކޮބައި ކަމާއި، ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމާއި ކެޓަގަރީ ކުރާނެ ގޮތްތައް އަދި އެނގިފައި ނުވާ ކަމަށެވެ.
"މިއަހަރުގެ އަތޮޅު ކައުންސިލް މި އަންނަނީ ވަކިން. ރައީސްގެ މުސާރަ އަކީ ކޮން ގޮތަކަށް އޮތް އެއްޗެއް ކަމެއް ނޭނގޭ، ސެކްރެޓެރީ ޖެނެރަލުން އެއްތަން ކުރެވޭއިރު، އެމީހުން ކެޓަގަރީ ކުރެވެނީ ކޮން ގޮތަކަށްތޯ އާއި އެމީހުންގެ މުސާރަ ކަނޑައެޅެނީ ކިހާ ހިސާބަކުންތޯ، ކޮން ދަރަޖަތަކެއްތޯ،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މުހައްމަދު ރަޝީދުގެ ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މޭޔަރުންނާއި ކައުންސެލަރުންގެ މުސާރައާ ބެހޭގޮތުން، ސަރުކާރުން އަދަދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ސިޓީގެ މޭޔަރަކަށް ސާޅީސް ހާސް ރުފިޔާ، ޑެޕިއުޓީ މޭޔަރަކަށް ތިރީސް ފަސްހާސް ރުފިޔާ، ސިޓީ ކައުންސިލް މެންބަރަކަށް ތިރީސް ހާސް ރުފިޔާ ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އަތޮޅު ކައުންސިލް ރައީސަކަށް އަށާވީސް ހާސް ރުފިޔާ، ރަށު ކައުންސިލްގެ ރައީސަކަށް ތޭވީސް ހާސް ރުފިޔާ، ޑެޕިއުޓީއަށް ފަނަރަ ހާސް، މެންބަރަކަށް ބާރަހާސް ރުފިޔާ މުސާރައިގެ ގޮތުގައި ހަމަޖައްސަން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ނަމަވެސް އެކަމަށް ގޮތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުން، މަޖިލީހުގައި މަޝްވަރާކޮށް މުސާރަތަކަށް މަޖިލީހުން ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ.