މިނިސްޓަރ ޔުމްނާ މައުމޫން

އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުން ރަނގަޅެއް ނޫން: ޔުމްނާ

ރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން އެކަން ހާސިލުނުވާނެ ކަމަށް ހެރިޓޭޖް މިނިސްޓްރު އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ނައިބު ރައީސް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިން ގޮތަށް ކައުންސިލުތަކުގެ ގޮނޑިތައް ވެސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގޮވާލައްވާފައި ވަނިކޮށެވެ.

ޔުމްނާ ވިދާޅުވީ އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެކަމާ މެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް. އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަމެއް ހާސިލެއް ނުކުރެވޭނެ. ރައްޔިތުން މިކަމާ ފުންކޮށް ވިސްނަވާ،" ޔުމްނާގެ ޓުވީޓުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ދަތުރުގެ ތެރެއިން ހދ. ވައިކަރަދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިން ގޮތަށް ކައުންސިލުތަކުގެ ގޮނޑިތައް ވެސް ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން އެމްޑީޕީއަށް އެންމެ މުހިންމު އިންތިހާބަކީ ކުރިއަށްއޮތް އިންތިހާބުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ހދ. ނޮޅިވަރަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވުމަކީ ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުން އެކަމާ ނުރުހޭނެ ކަމެއް ނޫން ކަމަށާއި އެމްޑީޕީން އިންތިހާބު ކާމިޔާބުކުރުމަކީ ކޯލިޝަނުން ވެސް ބޭނުންވާނެ ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.