ދީން ދޭހަވުމުގައި އަދި ދީނަށް އަމަލުކުރުމުގައި ބޭނުންކުރަން ޖެހޭނީ ހަރުކަށި ގޮތްތައް ނޫން ކަމަށާއި އެއީ އަގީދާގެ ގޮތުން އިސްލާމްދީނާ ދެކޮޅު މީހެއް ކަމުގައިވީ ނަމަވެސް، އެމީހަކާ ދޭތެރޭގައި މުއާމަލާތްކުރަން ޖެހޭނީ އޯގާތެރިކަމާއެކު ކަމަށް ޒިންބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.
މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދީނާ ދެކޮޅު މީހެއް ކަމުގައިވިޔަސް، އެމީހަކީ ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި އެއީ އަދާވާތްތެރިއެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.
"ދީން ދޭހަވުމުގައި އަދި ދީނަށް އަމަލުކުރުމުގައި އަޅުގަނޑުމެން ހަރުކަށި ގޮތްތަކެއް ނޫން ބޭނުންކުރަން ޖެހޭނީ. އެއީ އަގީދާގެ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު މީހެއް ކަމުގައިވީ ނަމަވެސް، އެމީހަކާ ދޭތެރޭގައި މުއާމަލާތުކުރަން ޖެހޭނީ އޯގާތެރިކަމާއެކުގައި. މާތްﷲ ކޮންމެވެސް ދުވަހަކުން އެމީހަކަށް ރަހުމަތްލައްވައި، އެމީހަކު އިސްލާމްދީނަށް އަތުވެދާނެ. އެހެންވީމާ އަޅުގަނޑުމެން އަދާވާތްތެރިއެއްގެ ގޮތުގައެއް ނޫން ބަލަންޖެހޭނީ. އަޅުގަނޑުމެން ބަލަންޖެހޭނީ އަޅުގަނޑުމެންގެ ފަރާތުން އެމީހަކަށް ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.
މުފްތީ މެންކު ވިދާޅުވީ މޫސާގެފާނާއި ހާރޫނުގެފާނަށް ވެސް މާތްﷲ އެންގެވީ ފިރުއައުނާ ބައްދަލުކޮށް މަޑުމައިތިރިމާއެކު ވާހަކަދެއްކުމަށް ކަމަށާއި މާތް ނަބިއްޔާގެ އަސްހާބުންނަށް ހަރުކަށި ގޮތް ބޭނުންކުރާ ކަމަށްވާނަމަ، އެބޭކަލުން ދުރަށްޖެހިވަޑައިގަންނަވާނެ ކަމަށް މާތް ނަބިއްޔާއަށް މާތްﷲ އިރުޝާދުދެއްވި ކަމަށެވެ.
"އެހެންވެގެން ރަސޫލާއަށް އެންގެވީ އޯގާތެރިވުމަށް. ނޫހުގެފާނު 950 އަހަރުވަންދެން މާތްﷲގެ ދީނަށް ގޮވާލެއްވުމުގައި އުޅުއްވި އިރުވެސް އެ ދިގު މުއްދަތުގައި ނޫހުގެފާނު މީހަކަށް ގޯނާއެއްދީ، މީހަކު މަރާލައި، މީހަކަށް އަނިޔާއެއް ދީފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
މުފްތީ މެންކު އިތުރަށް ވިދާޅުވީ ބައެއް ފަހަރަށް ދީނާ ދުރުވެގެން ގޮސް، ދީނުގައި ކުރަން އަންގަވާފައިވާ ކަންތައްތައް ނުކުރެވިގެންދާ ކަމަށާއި އަނެއްބައި ފަހަރަށް ދީނުގައި ކަންތައްތައް ކުރަން އޮތް ގޮތް ނޫން އެހެން ގޮތަކަށް ދީން ދޭހަކޮށްގެން، ހަރުކަށިކަމާއެކު މީހުންނާ ދޭތެރޭގައި މުއާމަލާތުކުރަމުންދާ ކަމަށެވެ.
މުފްތީ މެންކު ދެއްވުމަށް ހަމަޖެހިފައިވާ ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖައްސާފައިވަނީ އައްޑޫ ސިޓީގައި މާދަމާ ރެއެވެ. މުސްލިމުން އިސްލާމްދީނާ ދުރަށް ދިއުމާ ބެހޭގޮތުން ދެއްވާ އެ ދަރުސްގައި ދީނާ ދުރަށް މުސްލިމުން ދިއުމަށް މެދުވެރިވާ ސަބަބުތަކާއި އަނބުރާ ދީނަށް ގެނެވޭނެ ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުފްތީ މެންކުގެ ދަތުރުގައި ބުރާސްފަތި ދުވަހު ދަރުސް ދެއްވުމަށް ހަމަޖައްސާފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ދަރުސްގައި އިސްލާމްދީން މާނަކުރާއިރު މާނަކުރަން ޖެހޭ އަސްލު ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވާނީވެސް މުފްތީ މެންކު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. ހުތުބާގެ މައުލޫއަކަށް ކަނޑައަޅާފައިވަނީ ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދައި ހަރަދު ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މުފްތީ މެންކުގެ ދަތުރުގައި ހުކުރުދުވަހުގެ ރޭ ހާއްސަކޮށްފައިވަނީ ޒުވާނުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ އިވެންޓަކަށެވެ. މި އިވެންޓުގައި ޒުވާނުން އޮޅުންފިލުވަން ހުރި މުހިންމު މައުޟޫތަކަށް މުފްތީ މެންކު ވާހަކަދެއްކެވުމަށް ވަނީ ހަމަޖައްސައިފައެވެ. މި އިވެންޓުގައި ސުވާލު ކުރުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެއެވެ.
މުފްތީ މެންކުގެ ރާއްޖެއަށް ކުރައްވާ ދަތުރުގެ އެންމެ ފަހު ހަރަކާތަކަށް ބޭއްވުމަށް ހަމަޖައްސާފައިވަނީ ވޯކްޝޮޕެކެވެ. ރާއްޖޭގެ އިލްމުވެރިންނަށް ބޭއްވުމަށް ހަމަޖައްސާފައިވާ މި ވޯކްޝޮޕްގައި އިލްމުވެރިންނަށް ދައުވަތުގެ މާހައުލުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިލްމުވެރިން ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަންތަކެއްވެސް މި ވޯކްޝޮޕްގައި ހިމަނާފައިވެއެވެ.
މުފްތީ މެންކުގެ ދަތުރުގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.