އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ފައިސާގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "ވަން އޮންލައިން"އަށް ވިދާޅުވީ ރައީސް ޔާމީންގެ އެއް މިލިއަން ރުފިޔާ އޭސީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ތަގުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ފައިސާއަކީ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާއެއް ކަމެއް މުއައްވިޒް ވިދާޅުވެފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ އެސްއޯއެފް ކުންފުނިންނެވެ. އެ ކުންފުންޏަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުންފުންޏެކެވެ.
އޭސީސީން އެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު، ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާކުރި ކަމުގެ މައުލޫމާތުތަކެއް ރާއްޖޭގެ ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް (އެފްއައިޔޫ)އިން ވަނީ ފުލުހުންނާ ހިއްސާކޮށްފައެވެ.