އެކަނި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، މަހެއް ގަނެގެން މޫދަށް ވެއްޓި، ނަނު ކަރުގައި އޮޅިގެން މީހަކު މަރުވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަރުވެފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ބުނީ މި މީހާ މަރުވީ ށ. ފުނަދޫން ޑިންގީއެއްގައި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ކަމަށެވެ. މަސް ބާނަން އުޅެނިކޮށް މަހެއް ގަނެ މޫދަށް ވެއްޓި އޭނާގެ ކަރުގައި ނަނު އޮޅިގެން އޭނާ މަރުވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:26ގައި ކަމަށް ފުލުހުން ބުނެއެވެ.
މިމީހާ ފުނަދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހާ ފެނިފައި ވަނީ އެ ސަރަހައްދުގައި އުޅުނު ދޯންޏަކަށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.