ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ފެރީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިރޭ ހިނގި އެކްސިޑެންޓުގައި ފެރީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ފެރީގެ ވާއަތްފަރާތު އަރިމަތިން ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އެކްސިޑެންޓުވެފައިވަނީ ވިލާރޯޅި 18 ލޯންޗާއި 30 ނަމްބަރު އެއާޕޯޓު ފެރީއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:30 ހާއިރު ހުޅުލެ އިން ހުޅުމާލެއަށް ދާން ހުޅުލޭގެ އުތުރު ފަރާތު ނެރުން ނުކުތް އެއާޕޯޓް ފެރީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުވެގެން ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މި އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވި ކަމަށެވެ.
އެކްސިޓެންޓުގައި އެއާޕޯޓު ފެރީގައި ތިބި ހަތަރު އަންހެން ފަތުރުވެރިންނަށް ސީރިއަސް ނޫން އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ލޯންޗުގައި ހުރި ދިވެހި ފިރިހެނަކަށް ވެސް އެކިވަރުގެ ސީރިއަސް ނޫން އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ފަސް މީހުން ވެސް މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.