ޚަބަރު

ނަޝީދަށް ރިޔާޒުގެ ރައްދު: ކޯލިޝަންގެ ކޮންމެ ބައިވެރިއަކީ ވެސް މުހިންމު ބައިވެރިއެއް

ކޯލިޝަން ސަރުކާރެއްގައި ހިމެނޭ ކޮންމެ ބައިވެރިއަކީ ވެސް މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ރިޔާޒު މިގޮތަށް ވިދާޅުވެ ރައްދު ދެއްވާފައި މިވަނީ، ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ހއ. އަދި ހދ. އަށް ކުރަމުންދާ ދަތުރުގައި އިހަވަންދޫގައި މިއަދު ބޭއްވި ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ، ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ވެރިކަމުގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުން ނުލިބެނީ އިއްތިހާދުގެ ސަބަބުން ކަމަށާއި ޕާޓީގެ މެންބަރުންނާއި ޕާޓީގެ މަސައްކަތުގައި އުޅުނު މީހުންނަށް ހައްގުވާ މިންވަރު ނުލިބެނީ ބައި އަޅަަން ޖެހޭތީ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް ބަޔަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް ހައްގުވާ މިންވަރު ދެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އިހަވަންދޫގައި ބޭއްވި ޖަލްސާގައި ނަޝީދު އިތުރަށް ވިދާޅުވީ، އެހެން ޕާޓީތަކާ ގުޅިގެން ވެރިކަމަށް އައި ނަމަވެސް މަޖިލީހުގެ އިންތިހާބާ ކުރިމަތިލީ އެމްޑީޕީން އެކަނި ކަމަށާއި އެ އިންތިހާބުގައި 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ރައްޔިތުން އެމްޑީޕީއަށް ދިނުމުން ރައްޔިތުން އެދޭގޮތާއި އެމީހުން ތިބި ގޮތް ސާފުވެއްޖެ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ތަރުތީބު ވެގެންދާނީ ރައްޔިތުންގެ ފިކުރު އޮތް ގޮތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުން ނޭދޭ ގޮތަކަށް ރާއްޖޭގެ ވެރިކަން ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.