ޚަބަރު

ސިނާނާއި އިލްހާމް ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ބަންދުން ދޫކޮށްލައިފިއެވެ.

މެންބަރު ސިނާނާއި އިލްހާމް ބަންދުން ދޫކޮށްލާފައިވަނީ މިރޭ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައެވެ.

ސިނާނާއި އިލްހާމް ވެސް ޖަލުގައި ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. ސިނާނާއި އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޝްވަތު ހިފައި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ހައްޔަރުކުރި ސިނާނާއި އިލްހާމް ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ.

ސިނާނާއި އިލްހާމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެއެވެ.

ހައްޔަރުކޮށްފައިވާ ތިބި ބައެއް ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދަނީ ކޯޓަށް ހާޒިރުކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މިނިވަންކޮށްފައިވަނީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.