ޚަބަރު

ލަކްސް ރިސޯޓުން ކުޑަކުދިންގެ ހިޔާތަކަށް 14،000 ޑޮލަރު ހަދިޔާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް 14،000 އެމެރިކާ ޑޮލަރު (215،880 ރުފިޔާ) ހަދިޔާކޮށްފިއެވެ.

ލަކްސް ސައުތު އަރި އެޓޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރިސޯޓުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖެނެރަލް މެނޭޖާ ޖޮނަސް އަމްސްޓަޑްއެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ އެހީއަކީ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރި 7،000 އެމެރިކާ ޑޮލަރާއި ފިޔަވައްޗަށް ހަދިޔާކުރި 7،000 ޑޮލަރު ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހިޔާތަކުގައި ދިރިއުޅޭ ކުދިންނަށް އަމާން، ރައްކާތެރި އަދި ދިރިއުޅުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ އިސްނެންގެވުމުގެ މަތިން ދެއްވާ އެފަދަ އެހީތަކުގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 155 ކުދިން ދިރިއުޅެމުންދާއިރު، އެ ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 107 ކުދިން ދިރިއުޅެނީ ފިޔަވަތީގައެވެ. އަދި 13 އަހަރުން މަތީގެ 48 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައެވެ.