އައްޑޫގައި ނޫނަސް ވެކްސިން ނުޖަހާ ކުދިން ވައްދާ އަމިއްލަ ފަރާތްތަކުގެ ސުކޫލުތައް އެބަހުރި ކަމަށާއި، އެއީ ސަރުކާރުގެ ސުކޫލުތައް ނޫން ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން މިހެން ވިދާޅުވީ އައްޑޫގެ ސުކޫލަކަށް ވެކްސިން ނުޖަހާ ކުދިން ވައްދާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
"ސަރުކާރުގެ އެއްވެސް ސުކޫލަކަށް، ސަރުކާރުން ތައުލީމުދޭ އެއްވެސް ނިޒާމެއްގެ ތެރެއަށް ވެކްސިން ނުޖަހާ ކުއްޖަކަށް ވަދެވޭނީ ވެކްސިން ދިނުމަށްފަހު. ވެކްސިން ނުޖަހާ ކުދިން އަމިއްލަ ފަރާތްތަކުގެ ސުކޫލުތަކަށް ވައްދާފައި ހުރިކަމަށް ފާހަގަވެފަ އެބަހުރި. ވެކްސިން ނުޖަހާ މީހުން، އިންކާރުކުރާ މީހުންގެ މައުލޫމާތު އެބަހުރި." މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ވެކްސިން ނުޖަހާ މީހުނަށް ވެކްސިން ނުދެވި ވަނީ ގާނޫނީ ގޮތުން ހުރި ހުރަސްތަކެއްގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ވެކްސިން ޖެހުމަށް އިންކާރުކުރާ ފަރާތްތަކަށް ވެސް ވިސްނައިދީގެން ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވެކްސިން ނުޖަހާ ކުދިން ސުކޫލަށް ވައްދާނަމަ އެ ސުކޫލަކާ މެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެއްވެސް ސުކޫލެއްގައި ވެކްސިން ނުޖަހާ ކުއްޖަކު ހުރިކަން ކަށަވަރު ކުރާނެ ކަމަށާއި މިހާތަނަށް އައި އިރު ވެކްސިން ނުޖަހާ ކުދިން އަމިއްލަ ސުކޫލުތަކަށް ވައްދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވެކްސިން ނުޖަހާ ކުދިން ސުކޫލަށް ވައްދާކަން ފާހަގަކުރެވިފައި ހުރީ ޕްރައިވެޓް ސުކޫލުތައް ހުންނަ ތަންތަނުގައި ކަމަށާއި ނަަމަވެސް ތައުލީމުދޭ އެއްވެސް ތަނަކަށް ވަދެވޭނީ، ނުވަތަ ކުއްޖާ އެ ހިސާބަށް އަންނަ އިރު ހުންނަންޖެހޭނީ ވެކްސިން ދީ ނިމިފައިކަން ކަށަވަރުކުރާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ސުކޫލަށް ވައްދާ ހިސާބަށް އަންނަ އިރުވެސް ކުއްޖާއަށް ދޭން ޖެހޭ ވެކްސިންތައް ދީ ނިމިފައި ހުންނަން ޖެހޭނީ. އެކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެ. ދެވަނަ ކަމަކީ ސުކޫލުންވެސް އެ ޒިންމާ ނަގަން ޖެހޭނެ. ސުކޫލަކީ ގަސްތުގަ ވެކްސިން ނުޖަހާ ފަރާތްތަކަށް ފުރުސަތު އޮތް ތަނަކަށް ވުމަށް މަގުފަހިވެގެން ނުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.