ވެކްސިން ނުޖަހައި ތިބި އެންމެންނަށް ވެކްސިން ޖެހޭ ވަރަށް މިވަގުތު ވެކްސިން އެބަހުރި ކަމަށާއި ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވެކްސިން ޖެހުން އަވަސް ކުރުމަށް ހެލްތު މިނިސްޓަރު އިލްތިމާސްކުރައްވައިފި އެވެ.
ހިމަބިހީގެ ހާލަތާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އާދަޔާ ހިލާފަށް ހިމަބިހި ފެތުރޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމަށްވެސް ސަރުކާރުން މިހާރު ތައްޔާރުވެފައި ވާ ކަމަށެވެ. އެގޮތުން މިހާތަނަށް ވެކްސިން ނުޖަހާ ތިބި ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން މިހާރު ފަށައިގެން ކުރިއަށްގެންދާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ އިތުރުން އަޅުގަނޑުމެން އިލްތިމާސްކުރަން ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވެކްސިން ޖަހާ އިދާރާތަކަށް ގޮސް މިހާރުވެސް ވެކްސިން ފުރިހަމަ ކުރަން." މިނިސްޓަރު ވިދާޅުވިއެވެ.
ވެކްސިން ޖެހުމަށް އިންކާރުކުރާ ފަރާތްތަކަށްވެސް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައި މިނިސްޓަރު ވިދާޅުވީ އެފަދަ ފަރާތްތަކުގެ ސަބަބުން އެހެން މީހުންނާއި މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ދޫކޮށްލެވެން ނެތް ކަމަށެވެ.
"މިވަގުތަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި. އެހެންނަމަވެސް ފެތުރިގެން ގޮސް ބަލި ފެތުރި މީގެ ހާލަތެއް ދިމާވެދާނެ ކަމަށް އަޅުގަނޑުމެން ދުރާލާ ވިސްނައި، ޑަބްލިއުއެޗްއޯ (ދުނިޔޭގެ ސިއްހަތު ޖަމިއްޔާ) އާ ވާހަކަ ދެއްކި، ކޮންމެ ހާލަތެއްގައިވެސް ބޭނުންވާ މިންވަރަށް ވެކްސިން އެތެރެކުރުމުގެ މަސައްކަތް މިހާރު ފެށިފަ ވަނީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވެކްސިން ގެނައުމަށް ހޭދަވާނެ މުއްދަތަކީ އެންމެ ދިގުވެގެންވެސް ދިހަ ވަރަކަށް ދުވަސް ކަމަށް ލަފާކުރެވޭ ކަމަށާއި އެވަގުތަކަށް ވެކްސިން ބޭނުންވާ ވަރެއްގެ އަދަދު ކަނޑައަޅައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ވާހަކަ ދައްކައިގެން ވެކްސިން އެތެރެކުރުމުގެ މަސައްކަތް ކުރާ ކަމަށެެވެ.
ވެކްސިން ދިނުމުގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ބިދޭސީންވެސް ހިމެނޭގޮތަށް ކުރިއަށް އޮތް ތިން މަސްދުވަހަށް ވެކްސިން ޖެހުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހިމަބިއްސަކީ ނައްތާލެވިފައިވާ ބައްޔަކަށްވެފައި އެ ބަލި ޖެހިފައިވާ އެންމެ މީހަކުވެސް ފެނިއްޖެނަމަ އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ބަލީގެ އަލާމާތް ފެނުނު ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީގެ ޓީމުން މިއަދު ހަވީރުވެސް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިއްޔެވެސް މިނިސްޓްރީން ވަނީ ހިމަބިހީގެ އަލާމާތްތައް ފެނިފައިވާ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކޮށްފައެވެ.
ހިމަ ބިއްސަށް ޕޮސިޓިވް ވެފައިވާ ކުޑަ ކުއްޖަކާއި ބޮޑު މީހެއް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭ ރާއްޖޭން ފެނިފައިވާ އިރު، ޝައްކު ކުރެވޭ ތިން ވަނަ މީހަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން އިއުލާނުކޮށް، ވެކްސިން ނުޖަހައި ނުވަތަ ހިމަބިހީގެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން އެކަން އަވަހަށް ކުރުމަށް އެދިފައެވެ.