ޚަބަރު

ހިމަބިހި ޖެހިފައިވާ ދެވަނަ މީހަކު ފެނިއްޖެ، ޝައްކު ކުރެވޭ ތިން ވަނަ މީހާގެ ޓެސްޓުތައް ހަދަނީ

ހިމަ ބިހި ޖެހިފައިވާ ދެވަނަ މީހަކު ފެނިފައިވާ ކަމަށާއި ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ވެސް ފެނިއްޖެ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފި އެވެ.

ހެލްތުން މިހެން ބުނި އިރު، ހިމަބިހި ޖެހިގެން އެންމެ ފުރަތަމަ ފަރުވާ ދިން ކުއްޖާ ވަނީ އެކުއްޖާގެ ގައިން އެހެން މީހުންގެ ގަޔަށް އަރާ މުއްދަތު ނިމުމުން ދޫކޮށްލައިފަ އެވެ.

ހެލްތުން މީގެ އިރުކޮޅެއް ކުރީން ވަނީ ހިމަބިއްސާ ގުޅޭ ގޮތުން ޓުވީޓެއް ކޮށްފަ އެވެ.

"ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެ. ބައްޔަށް ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ކުރެވެމުން އެބަދޭ." ހެލްތު މިނިސްޓްރީގެ ޓުވީޓުގައި ބުނެފައި ވެއެވެ. މި ޓުވީޓުން އެނގޭ ގޮތުގައި ދެމީހަކަށް ވަނީ ހިމަ ބިހި ޖެހިފަ އެވެ. އަދި ޓެސްޓު ކުރަމުން އަންނަނީ ތިން ވަނަ މީހާ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، އިއްޔެ އިރު އޮއްސުނު އިރު ހިމަބިއްސަށް ޝައްކު ކުރެވޭތީ އެޑިމިޓްކޮށް އެކަހެރިކޮށް ބާއްވައިގެން ފަރުވާ ދެނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއީ މަތީ ސާނަވީގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާ އިއްޔެ ވެސް ސްކޫލަށް ދިޔަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.