ހުރިހާ ޝަރީއަތެއް އާންމުންނަށް ހުޅުވާލައިގެން ބާއްވަން ބޭނުންވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރަކީ ރާއްޖޭގައި ހިނގާ ހުރިހާ ޝަރީއަތެއް އާންމުންނަށް ހުޅުވާލައިގެން ބޭއްވޭ އަހަރު ކަމަށް ހެދުމަކީ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމަށާއި އެ މަސައްކަތް އެގޮތަށް ހިންގުމަށް ޕީޖީ އޮފީހުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ. އަދި ވިދާޅުވީ، އިތުބާރު އިތުރު ކުރެވޭނީ ހާމަކަން ބޮޑުކޮށްގެން ކަމަށެވެ.
ޝަމީމު ވިދާޅުވި ގޮތުގައި، ސިއްރު ކުރަން ގާނޫނުގައި ހުރި މައްސަލަތައް ފިޔަވާ ޝަރީއަތަށް ވަންނަން ވަކި ވަގުތެއް ކުރިން ފޯމު ފުރުމާއި ވަނުމަށްފަހު ނުނިކުމެވުން ފަދަ ކަންކަން ނުވާނެ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ ކަމަށެވެ. އޭގެ އިތުރުން ޝަރީއަތަށް ނޫސްވެރިންނަށް އެމީހުންގެ އަމިއްލަ ނޯޓު ފޮތް ވެއްދެންޖެހޭ ކަމަށް ޝަމީމު ވިދާޅުވިއެވެ.
މިހާރު ކޯޓުތަކުގެ ގާނޫނުގައި އޮންނަ ގޮތުން ޝަރީއަތުގެ މަޖިލިސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއް ނެތި ޝަރީއަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާ ފަދަ އަމަލެއް ހިންގައިފިނަަމަ އެކަމުގެ ކުޑަ ބޮޑުމިން ބަލާފައި އަދަބު ކަނޑައެޅޭނެއެވެ. އަދި ޝަރީއަތަށް ވަންނަން ވަކި ވަގުތެއް ކުރިން ފޯމު ވެސް ފުރަން ޖެހެއެވެ.