ޖަރުމަންވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ޖަރމަން ޝެންގެން ވިސާ ނެގުމަށް ވަގުތީ ގޮތުން ޖަރމަން-ޝެންގެން ވިސާ ބަޔޯމެޓްރިކް ކްލިނިކެއް އަންނަ މަހުގެ ތިނަކުން ފަހަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއަޒްގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓރީން އިއްޔެ ބުނީ މި ކްލިނިކް އިންތިޒާމްކުރަނީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަރުމަންވިލާތުގެ އެމްބަސީގެ ފަރާތުން ކަމަށެވެ. ބަޔޯމެޓްރިކް ކްލިނިކް ހުޅުވާނީ ފެބްރުއަރީ ތިނަކުން ފަހަކަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ވިސާގެ ހިދުމަތަށް އެދިވަޑައިގަންވާ ބޭފުޅުންނަށް ބަޔޯމެޓްރިކް ކްލިނިކްގެ އެޕޮއިންޓްމަންޓް މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 5:30 ގެ ކުރިން ތިރީގައި ލިންކަށް ޒިޔާރަތްކުރައްވައިގެން ހެއްދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
https://visa.vfsglobal.com/lka/en/deu/book-an-appointment
އިތުރު މައުލޫމާތު ހޯއްދެވުމަށް ވީ.އެފް.އެސް ވެބްސައިޓު ކަމުގައިވާ https://visa.vfsglobal.com/lka/en/deu/news/mobile-biometric-clinic-in-male
ޒިޔާރަތްކުރެއްވުން ލިބިވަޑައިގަންނަވާނެކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި ވިސާ ކްލިނިކަކީ ޖަރުމަންވިލާތަށް، ހާއްސަކޮށް އައިޓީބީ ފެއާއާ ދިމާކޮށް ޖަރުމަންވިލާތުގެ ބާލިންއަށް ޒިޔާރަތްކުރާ ދިވެހިންނަށް ޝެންގެން ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކްލިނިކެކެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ޖަރުމަންވިލާތުގެ ސަފީރު ޖޯން ރޯޑް، މާލޭގައި ދާއިމީ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ގާއިމްކުރައްވާނެކަމަށް އިއުލާންކުރައްވާފައި ވާއިރު، މި ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް މިމިނިސްޓްރީއާއި ވީ.އެފް.އެސް ގްލޯބަލް ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި މިސެންޓަރުގެ ހިދުމަތް މިއަހަރުގެ މާޗް މަހު ފެށިގެންދާނެއެވެ.