އދ. މަހިބަދޫގައި ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު މަހިބަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.
"ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ ފާނަ ބޮޑުކުރުމުގެ މަޝްރޫއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއަދު އިފްތިތާހުކުރެވުނު ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން މަހިބަދޫ، ދަނގެތި، ދިގުރަށް އަދި އޮމަދޫ ކައުންސިލާއެކު ޕްރޮޖެކްޓް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ހަތަރު ރަށުން އެ މަސައްކަތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވާލެވުނު 20 ފަރާތަކާއި އެކުވެސް މިއަދު ޕްރޮޖެކްޓް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެތެރޭގައި ހިމެނެނީ ފަސް އަންހެންނާއި 15 ފިރިހެނުންނެވެ.