ޚަބަރު

ޒުވާނުންގެ ހިއްސާއާއެކު މެނުވީ ހަރުދަނާ ޖީލެއް ބިނާ ނުކުރެވޭނެ: ނައިބު ރައީސް

މުހައްމަދު ޝަހީމް

ޒުވާނުންގެ ހިއްސާއާއެކު މެނުވީ ހަރުދަނާ ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ލާމަސީލު ޒުވާނާ" ނަމުގައި ކުރިއަށް ގެންދާ ކޭމްޕު ފެށުމުގެ ގޮތުން މިއަދު މެންދުރުފަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައްޔިތުން އަބަދުވެސް އެދެނީ ގައުމުގެ ހަމަޖެހުމަށް ކަމަށާއި އެ ހަމަޖެހުން ގައުމަށް ގެނެވޭނީ ދިވެހި ޒުވާނުންނަށް ލާމަސީލު ކަންތައްތަކެއް ދެއްކިގެން ކަމަށެވެ.

އެގޮތުން ގައުމަށްޓަކައި ކޮށްދޭ ހިދުމަތަކީ ކޮންމެ މީހަކަށް ވެސް ލިބޭ އުފަލަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ފެށި ކޭމްޕުން ދަސްވާ ކަންކަމުގެ ބޭނުން ހިފައި ރީތި އަހުލާގީ މިންގަނޑު ހިފަހައްޓައި، އެހެން މީހުންނަށް އިސްކަންދީގެން ދިރިއުޅުން ބައްޓަންކުރާ ބަޔަކަށްވުމަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ލާމަސީލު ޒުވާނާ" ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްނެގުމާއެކު ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

ކުރިން ބުލޫސް ފޯ ޔޫތުގެ ނަމުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގެ މަގްސަދަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ގައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާހައުލަށް ޝައުގުވެރި، މަސައްކަތުގެ އަހުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމެވެ.

މި ކޭމްޕުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި، ނަފުސަށްކުރާ އިތުބާރާއި ޔަގީންކަން އިތުރު ކުރުމާއި ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި ދިމާވާ ހާލަތްތަކުން އަމިއްލައަށް ސަލާމަތްވާނެ ހުނަރުތައް ދަސްކޮށްދީ އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ.

އޭގެ އިތުރުން ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ރިވެތި އަދަބުތަކާއި މައިންބަފައިންގެ މުހިންމުކަމާއި އިސްލާމީ ރިވެތި އުސޫލުތައް ވެސް ކޭމްޕުގައި ދަސްކޮށްދޭނެއެވެ.

ބާރަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިއަހަރުގެ ކޭމްޕުގައި ދ. އަތޮޅާއި ވ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޒުވާނުން ބައިވެރިވެއެވެ. އެގޮތުން މި ކޭމްޕުގައި 32 އަންހެން ބައިވެރިންނާއި 49 ފިރިހެން ބައިވެރިންނާއެކު ޖުމްލަ 81 ޒުވާނުން ބައިވެރިވެއެވެ.

މިއަދު ބޭއްވި "ލާމަސީލު ޒުވާނާ" ކޭމްޕު ފެށުމުގެ ރަސްމިއްޔާތަށްފަހު ކޭމްޕުގެ ބައިވެރިން ވަނީ ކޭމްޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮލިސް ޓްރެއިނިން ސްކޫލް ދ. ވާނީއަށް ފުރައިފައެވެ.