ޚަބަރު

ދަފުތަރުގައި ނަން ރަޖިސްޓަރީކުރަނީ ވެސް އަދި ނަން އުނިކުރަނީ ވެސް އުސޫލާ އެއްގޮތަށް: އިލެކްޝަންސް

މުހައްމަދު ޝަހީމް

1

ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މީހުންގެ ނަން ރަޖިސްޓަރީކުރަނީ ވެސް އަދި ދަފުތަރުން ނަމެއް އުނިކުރަނީ ވެސް އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެމްޑީޕީ މެންބަރުންގެ މައުލޫމާތު ހިމެނޭ ދަފުތަރުގައި އިދިކޮޅު ޕީޕީއެމްގެ ގިނަ މެންބަރުންތަކެއްގެ ނަން ހިމަނާފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، އީސީން ކުރި ޓުވީޓެއްގައި ބުނީ އެ ކޮމިޝަނުން ބަލަހައްޓަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ދަފުތަރު ގަޑުބަޑު ކޮށްފައިނުވާނެ ކަމަށެވެ.

"ދަފުތަރުގައި ރަޖިސްޓަރީކުރަނީ ވެސް އަދި ދަފުރަތުގައި އިން ނަމެއް އުނިކުރަނީ ވެސް އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް،" އެ ކޮމިޝަނުން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓު

އީސީން މިހެން ބުނެފައިވާ އިރު، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ދަފުތަރު އެކުލަވާލުމުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އެތައް މެންބަރުންނެއް އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައިވާ ކަަމަށާއި ނަމަވެސް ޕާޓީ ފޯމުގައި އޮންނަނީ އެހެން މީހެއްގެ ފިންގާ ޕްރިންޓު ކަމަށެވެ.

ހަލީލް ވަނީ އޭނާގެ ނަން އެމްޑީޕީގެ ދަފުތަރުގައި އޮތް ފޮޓޯއެއްވެސް ޓުވީޓު ކުރައްވައިފައެވެ.

މިކަމާ ގުޅޭގޮތުން މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ހަލީލު ވިދާޅުވީ އެމްޑީޕީީގެ ދަފުތަރުގައި ސާޗުކުރުމުން އޭނާގެ ނަން އަންނަ ކަމަށާއި ނަމަވެސް ނަން އަންނަ އިރު ދަފުތަރުގައި ނުހިމެނޭ ކަމަށް ދައްކާ ކަމަށެވެ. ނަމަވެސް އޭނާގެ ޕާސަނަލް ހުރިހާ މައުލޫމާތުތަކެއް ދަފުތަރުން ފެންނަން އެބަހުރި ކަމަށެވެ.

"މީގަ އަޅުގަނޑުގެ ކޮންސާނަކީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުގެ މުޅި ޑާޓާބޭސް އެއޮތީ އެމްޑީޕީން ނަގާފަ އެމްޑީޕީގެ ދަފްތަރުގައި ރައްކާކޮށްފައި. އެހެންވީމަ އެގޮތަށް އޮތީމަ ހަމަ ދިވެހި ކޮންމެ ރައްޔިތެއްގެ އައިޑިކާޑު ޖެހިޔަސް ވެސް އަންނާނެ އެމީހެއްގެ ނަމާ، އައިޑީކާޑު ނަންބަރާ، އެމީހެއްގެ ރަށާ އެޑްރެހާ މި ހުރިހާ މައުލޫމާތުތަކެއް އަންނާނެ. އެހެންވީމަ ވަރަށް ޕާސަނަލް މައުލޫމާތުތަކެއް އެމްޑީޕީން މިއޮތީ. އަޅުގަނޑުގެ ތުހުމަތަކީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭންގެ ޑާޓާބޭސް އެބޭފުޅުން ނަންގަވާފައި އޮތް ކަމަށް." ހަލީލު ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފްތަރުގައި ހަލީލުގެ ނަން އޮތް ފޮޓޯގެ ޓުވީޓު

ޕާޓީއެއްގެ ދަފުތަރުގައި މީހެއްގެ ނަން ހިމެނޭނީ އައިޑީކާޑުގެ މައުލޫމާތުތައް ހިމެނޭ ގޮތަށް އެކަމަށް ހާއްސަ ފޯމެއް ފުރައި އެ ޕާޓީއަށް ހުށަހެޅުމުންނެވެ. ބައެއް ފަހަރު ޕާޓީތަކުން އެ ފޯމް ބަލައިގަތުމުގެ ކުރިން މެންބަރަށް ގުޅައި، މައުލޫމާތު ކަށަވަރު ވެސް ކުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟