ޚަބަރު

މާފަރު އެއާޕޯޓު ބޮޑު ކުރަން ހުއްދަ ދީފި

އާނިފާ ހުސެއިން ސިރާޖް

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ހުށައަޅާފައިވާ މަޝްރޫއު ކުރިއަށްގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ދެއްވައިފިއެވެ.

މިނިސްޓަރު މި ހުއްދަ ދެއްވާފައި މިވަނީ، އެ މަޝްރޫއަށް ތައްޔާރުކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް މުރާޖާކުރުމަށްފަހު، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތް ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނިންމި ނިންމުން ޕްލޭނިން މިނިސްޓްރީން އިސްތިއުނާފުކުރުމާއި ގުޅިގެން 'ތިމާވެށްޓަށްކުރާ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު' ގެ ދަށުން އެ މައްސަލަ ބެއްލެވުމަށްފަހުގައެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ނުދޭން އީޕީއޭ އިން ނިންމީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ. އެ ނިންމުމާ ގުޅިގެން އެކަން ޕްލޭނިން މިނިސްޓްރީން އިސްތިއުނާފަށް ހުށަަހަޅާފައިވާތީ، މައްސަލަ ދިރާސާކުރެއްވުމަށް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ވަނީ މާފަރަށް ވަޑައިގެން މައްސަލަ ދިރާސާ ކުރައްވައިފައެވެ.

ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާގުޅޭ ގަވާއިދުގައިވާ ގޮތުން އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިއުނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ.

އެގޮތުން އިންވަޔަރަމަންޓް މިނިސްޓްރީން ބުނީ މައްސަލަ ބެލުމުގައި ވަކިން ހާއްސަކޮށް އެ ރިޕޯޓްގެ ނިމްމުމުގެ އެންމެ ފަހު ޕެރެގްރާފުގައި، "ޕްރޮޖެކްޓް ތަންފީޒުކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅުތަކާއި (މިޓިގޭޝަންސް މެޝާސް) އާއި މެނޭޖްމަންޓް ޕްލޭން އާއި އޯލްޓަނޭޓިވްސް އާއި މޮނިޓަރިން ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް، މަޝްރޫއު ކުރިއަށް ގެންދިޔުމަށް ލަފާދޭ ކަމަށް ބުނެފައިވާ ބުނުމަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މަޝްރޫއު ކުރިއަށް ގެންދަން ހުއްދަ ދިނީ، މިނިސްޓަރު މާފަރަށް ޒިޔާރަތްކޮށް އެރަށުގެ ރަށު ކައުންސިލާއި ރައްޔިތުންނާއި އަދި އަތޮޅު ކައުންސިލްގެ މަސްއޫލުވެރިންނާ ބައްދަލުކޮށް ކުރި މަޝަވަރާތަކަށާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އެތޯރިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ މަސްއޫލުވެރިންނާ ބައްދަލުކޮށް ކުރި މަޝްވަރާތަކުގެ މައްޗަށް ރިއާޔަތްކޮށްފައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން އެ މަޝްރޫއަށް ހުއްދަ ދިނީ ތިމާވެށްޓަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއެކު، އެ ރިޕޯޓުގައި ކަނޑައަޅާފައިވާފަދަ މެނޭޖްމަންޓް ޕްލޭނަކާއި މޮނިޓަރިންގް ޕްލޭނަކާއެކު އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމަށް އީޕީއޭ އިން ހުއްދަ ނުދޭން ނިންމާފައި ވަނީ ދުރު ރާސްތާއެއްގައި އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ލިބޭ ގެއްލުމާ އަޅައި ނުކިޔޭނެ ކަމަށް ބުނެއެވެ.