އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

އަރަބިއްޔާ ސުކޫލަށް މިދިޔަ އަހަރު ދިމާވި މުދައްރިސުން ހަަމަނުވުމުގެ މައްސަލަ މިއަހަރު ވަނީ ހައްލުކޮށްފައި

އާނިފާ ހުސެއިން ސިރާޖް

އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަަމަނުވުމުގެ މައްސަލަ މިދިޔަ އަހަރު ވަރަށް ބޮޑަށް ކުރިމަތިވި ނަމަވެސް، މިއަހަރު ވަނީ އެ މައްސަލަ ހައްލުކޮށްފައި ކަަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު އަރަބިއްޔާ ސުކޫލުގެ މުދައްރިއްސުން ހަމަނުވުމުގެ ސަބަބުން އެ ސުކޫލުން ގްރޭޑް 12 ނިމުމުން ދަރިވަރުންނަށް ދޭ "ޝަހާދާ ސާނަވިއްޔާ" އިމްތިހާނު ނުބޭއްވިދާނެ ކަމުގެ ބިރަށް އެ ސްކޫލުގެ ބެލެނިވެރީން ވަނީ ރައީސް އޮފީހަށް ވެސް ގޮސްފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ އަރަބިއްޔާ ސުކޫލަށް ޓީޗަރުންނާއި ފޮތްތައް ހަމަނުވުމަކީ މިދިޔަ އަހަރު ކުރިމަތިވި އެންމެބޮޑު ދެ މައްސަލަ ކަމަށެވެ.

"(އަރަބިއްޔާ ސުކޫލަކީ) އެއީ މި ސަރުކާރުގެ ސަކްސެސް ސްޓޯރީއެއް. މި އަހަރު ފެށުނު އިރު މުދައްރިއްސުން އެބަތިބި. ފޮތްތައް ހަމަވެއްޖެ." މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިއަދު ސުކޫލަށް ކުދިން ނުކުތީ ހުރިހާ ކުދިންނަށް ފޮތްތައް ބަހައި، ފޮތްތައް ހަމަކޮށްގެން ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު އަރަބިއްޔާ ސްކޫލަށް އަޒްހަރު ޔުނިވަސިޓީން އަންނަން ޖެހޭ 22 މުދައްރިސުންގެ ތެރެއިން ސުކޫލުގައި ކިޔަވައިދޭން ފެށިއިރު އައިސްފައި ވަނީ އެންމެ ހަތަރު މުދައްރިސުންނެވެ. އެކަމާ އެޑިއުކޭޝަން މިނިސްޓްރީ އަދި އަޒްހަރު ޔުނިވާސިޓީއަށް ގުޅުމުން މުދައްރިސުން ހަމަ ނުވަނީ އެބޭފުޅުންގެ "ސެލެކެޝަން ޕްރޮސެސް" ނުނިމޭތީ ކަމަށް އެނގިފައިވާ ކަމަށް އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަލްއުސްތާޒް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ކިޔެވުން ފެށުނު އިރުވެސް އަރަބިއްޔާ ސުކޫލަށް އަންނަން ޖެހޭ ޓީޗަރުން ނުލިބުމުގެ ސަބަބުން ކިޔެވުން ކުރިޔަށް ގެންގޮސްފައި ވަނީ ވަގުތީ ގޮތުން ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ ބައެއް ލެކްޗަރާއިން ބޭނުންކޮށްގެންނެވެ.