އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

ސުކޫލެއް ކާމިޔާބުކޮށް ހިންގުމުގެ އެންމެބޮޑު ބަހާޔަކީ އެ ސުކޫލެއްގެ އާދަކާދަތަތައް: މިނިސްޓަރު

އާނިފާ ހުސެއިން ސިރާޖް

ސުކޫލެއް ކާމިޔާބުކޮށް ހިންގުމުގެ އެންމެބޮޑު ބަހާޔަކީ އެ ސުކޫލެއްގައި އޮންނަ ރޫހާއި އާދަކާދަތައް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ސުކޫލު ހުޅުވުމާއެކު މާލޭ ސަރަހައްދުގައި ޖުމުލަ 12 ސުކޫލު ހުންނާނެ ކަމަށެވެ. އެގޮތުން އެ ސުކޫލެއް ހިމެނޭ ހަރުފަތް ނުވަތަ ވަނަ ބިނާވެގެންދާނީ ސުކޫލުގެ ފްރިންސިޕަލާއި މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ހިންމަތާއި މިންނަތުގެ މައްޗަށް ކަމަށާއި ސުކޫލު ދަރިވަރުންގެ އަހުލާގާއި މުދައްރިސުންގެ އަޅާލުންތެރިކަމުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ އެންމެ މޮޅު ސުކޫލަށް އިއްޒުއްދީން ސުކޫލު ނުހެދެންވީ ސަބަބެއް ނެތް. ސުކޫލެއް މޮޅުވެފަ މަތިވެރިވަނީ އެތަނުގެ ދަރިވަރުންގެ އަދަދަކުން ނޫން. އެތަނުގެ އުމްރާނީ ވަސީލަތްތަކުގެ ބޮޑުކަމަކުންވެސް ނޫން." މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ އަގުބޮޑު ޖަވާހިރަކީ އަލިމަސް ނަމަވެސް އެއީ ވަރަށް ކުޑަކުޑަ އެއްޗެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސުކޫލެއް ކާމިޔާބުކޮށް ހިންގުމުގެ އެންމެބޮޑު ބަހާޔަކީ އެ ސުކޫލެއްގެ އޮންނަ އީތޯސް ކަަމަށެވެ. އީތޯސް އަކީ ސުކޫލެއްގައި ގާއިމުކުރާ އާދަކާދަތަކާއި ރޫހުގެ ސަބަަބުން ކަންކަމާމެދު ދެކޭ ގޮތާއި ކުރެވޭ އުންމީދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މުޅިން އަލަށް ސުކޫލެއް ހިންގަން ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ލިބެނީ މަދު ފަހަރަކު. މިއަދު އިފްތިތާހުކުރެވޭ އިއްޒުއްދީން ސުކޫލު ފެށޭ އިރަކީ އަޅުގަނޑު މި ދެންނެވި ފަދަ ކާމިޔާބު އީތޯސް އެއް ސުކޫލުގައި ގާއިމުކުރަން ލިބޭ ނާދިރު ފުރުސަތެއް." ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ލިބޭ ނާދިރު ފުރުސަތުގެ ބޭނުން ސުކޫލުގެ މުވައްޒަފުން ހެޔޮގޮތުގައި ބޭނުންކުރުމަށް އިލްތިމާސްކުރައްވައި މިނިސްޓަރު ވިދާޅުވީ އިއްޒުއްދީން ސުކޫލަކީ ސަރަހައްދުގެ ގަދަ ތިނެއްގައި ހިމެނޭ ސުކޫލަކަށް، ސުކޫލުގެ ދަރިވަރުންނާއި މުވައްޒަފުންގެ މަސައްކަތުން ހަދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ދެތިން އަހަރު ދުވަހުގެ ތެރޭގައި، އިއްޒުއްދީން ސްކޫލަކީ ސަރަހައްދުގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނޭ ސްކޫލަކަށް މުވައްޒަފުންނާއި ދަރިވަރުން މި އިއްޒުއްދީން ސުކޫލު ހަދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އަލަށް ހުޅުވި އިއްޒުއްދީން ސްކޫލަކީ އައްސުލްތާން އަލްޣާޒީ ހަސަން އިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮން ބަންޑާރައިން) އަށް ނިސްބަތްކޮށް ހުޅުވި ސްކޫލެކެވެ. މި ސްކޫލްގެ ރަސްމީ ކުލައަކީ ދަނބު ކުލައެވެ. އަދި ސްކޫލްގެ މަލަކީ "މަލިކުރުވާ" ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ސްކޫލްގެ މޮޓޯ އަކީ "ސީކް ޓްރުތު" އެވެ