ސްކޫލުގައި އުޅޭއިރު ސްކޫލުގެ ވެރިންނާއި މުދައްރިސުންނަކީ މައިންބަފައިންކަމަށާއި، މައިންބަފައިން އަބަދުވެސް އެދޭނީ ރަނގަޅުގޮތް ކަމަށް ވުމުން އެމީހުންދޭ ނަސޭހަތް ގަބޫލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ސްކޫލު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ރައީސް ސޯލިހު ދަރިވަރުންނަށް މިފަދައިން ނަސޭހަތް ދެއްވާފައިވަނީ މިއަދު ހެނދުނު އިއްޒުއްދީން ސްކޫލް ހުޅުވުމަށް އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްކޫލް ތެރޭގައި ހުރިހާ ކުދިންނަކީ އެއް އާއިލާއެއް ކަމަށާއި ސްކޫލު ތެރޭގެ އާއިލާގެ މައިންބަފައިންނަކީ އެ ސްކޫލެއްގެ މުދައްރިސުންނާއި ވެރިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މައިންބަފައިންގެ ބަސް އަބަދުވެސް ގަބޫލު ކުރަން ވާނެ ކަމަށެވެ. އަދި މައިންބަފައިންނަކީ ދުވަހަކުވެސް ދަރިންނަށް ނުބައި ނަސޭހަތެއް ދޭނެ ބައެއް ނޫންކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"މައިންބަފައިންނާއި ބެލެނިވެރިންނާއި ސްކޫލްގެ ވެރިންނާއި މުދައްރިސުންގެ ބަސް ގަބޫލުކުރާ ކުދިބަޔަކަށް ވުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން" ރައީސް ވިދާޅުވިއެވެ.
މައިންބަފައިންގެ ބަސް ގަބޫލު ކޮށްފިނަމަ ދިރިއުޅުމުގެ އަމަލީ މައިދާނުގައި ކާމިޔާބު ލިބުމަށް މަގުފަހިވާނެ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.