ތަރައްގީއަކީ އިންސާނާގެ ސިކުނޑީގައި އުފެދިގެން އަންނަ އީޖާދީ ވިސްނުމެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އެފަދަ ވިސްނުމެއް އުފެދޭ ވަރަށް ދިވެހި ކޮންމެ ދަރިވަރެއްގެ ސިކުނޑި ތަރައްގީ ކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ސްކޫލު ރަސްމީކޮށް ހުޅުވުމަށް އެ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތަރައްގީއަކީ ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމެއް ކަމަށެވެ. އަދި އެއީ އިންސާނާގެ ސިކުނޑީގައި އުފެދޭ އުފެއްދުންތެރި ވިސްނުމެއް ކަމަށާއި މި ވިސްނުން ދަރިވަރުންނަަށް ގެނެސްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންސާނާގެ ވިސްނުން ތަރައްގީކޮށްދޭ އެއްޗަކީ ތައުލީމު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަގީގީ ތައުލީމަކީ ހަމައެކަނި މުދައްރިސުންދޭ ފިލާވަޅުތައް ދަސްކުރުން ނޫން ކަމަށާއި ގިނަ ކުދިން އެއްތަނެއްގައި ތިބެގެން ކިޔަވަނީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވުމަށް ދަސްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ދަރިވަރުންނަށް އެކަކު އަނެކަކަށް އިހުތިރާމު ކުރަން ދަސްކޮށްދީ، އެހީތެރިވާނެ ގޮތް ދެނެގަނެ، އެކުވެރިކަމާއި ލޯތްބާއެކު އުޅުމަށް ދަސްކޮށްދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީ ގައުމަށް ވަފާތެރި، ދީނަށް ލޯބި ކުރާ ދަރިވަރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލް މަރުހަލާ ނިމިގެން ނިކުންނައިރު ކޮންމެ ދަރިވަރެއްވެސް ހުންނާނީ އެ ކުއްޖެއްގެ ހަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭ ވަރަށް، އަމިއްލަ ނަފުސަށް އިތުބާރު ލިބި އަދި ތަރައްގީ ހޯދުމަށް އަމިއްލަ ފައިމައްޗަށް ތެދުވަން ތައްޔާރުވެފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.