އެއް ދަންފަޅީގެ ސިޔާސަތުގެ ދަށުން އެ ނިޒާމު ފުރިހަމަވެ، ތަންފީޒުވެގެން އަންނަ އިރު، ހެނދުނުގެ ނާސްތާއާއި، ނަމާދު ކުރުން އަދި މެންދުރު ކެއުންވެސް ކުރިއަށްދާނީ ސްކޫލްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މި ނިޒާމު އެންމެ ފުރަތަމަ ތަންފީޒު ކުރަން ފަށާފައި ވަނީ މިއަދު ހުޅުވި އިއްޒުއްދީން ސްކޫލުގަ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އިއްޒުއްދީން ސްކޫލާއެކު ސަރުކާރުގެ ސްކޫލްތައް އެއް ދަންފަޅިއަކަށް ބަދަލު ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އާ މަރުހަލާއެއް ފެށިގެން ދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސިޔާސަތު ތަންފީޒު ކުރެވޭނީ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައި ދިނުމުގެ އިތުރުން ތަރުބަވީ އަހުލާގާއި ހަށިހެޔޮ ކަމުގެ ހަރަކާތްތައް ހިމެނޭފަދަ ވަށައިޖެހޭ ތައުލީމީ އުސޫލެއްގެ ތެރެއިން ކަމަށެވެ.
ވަށާ ޖެހޭ ތައުލީމީ ނިޒާމެއްގެ ތެރެއިން ދަރިވަރުން ސްކޫލަށް އައުމަށްފަހު އެނބުރި ދާނީ ތައުލީމުގެ އިތުރުން ތަރުބިއްޔަތާއި ހަށިހެޔޮކަމުގެ ބައިތައް ފުރިހަމަކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަށާ ޖެހޭ ތައުލީމީ ނިޒާމުގެ ދަށުން އެއް ދަންފަޅިއަކަށް ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދާއިރު ދަރިވަރުންގެ ސްކޫލް ދުވަސް ފަށާނީ ނާސްތާއިންކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މި ނިޒާމުގެ ދަށުން ހެނދުނުގެ ނާސްތާއިން ސްކޫލް ފެށުމަށް ފަހު، އެސެމްބްލީ ނިންމައި ދަރިވަރުން ކިޔެވުމައިގެން މަސްއޫލު ވާނޭ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މެންދުރު ނަމާދު ވަގުތު ޖެހުމުން ދަރިވަރުން ސްކޫލުގައި ނަމާދު ކުރުމަށްފަހު މެންދުރުގެ ކެއުންވެސް ސްކޫލުގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލް ނިންމައި ދަރިވަރުން އެނބުރި ގެއަށް ދާނީ އިތުރު އެހީދޭ ކުލާސްތަކާއި އިތުރު ހަރަކާތްތައް ނެގުމަށްފަހު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ރާއްޖޭގެ ގައުމީ މަންހަޖު އެންމެ ފުރިހަމައަށް ތަންފީޒު ކުރެވޭނެ ގޮތަށް ކަމަށެވެ. އެ ސްކޫލުން ނިކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމެއް ބިނާ ކުރުމަށް ބޭނުންވާ ހުނަރުތައް އަށަގަނެފައިވާ ކުއްޖެއް ކަމަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިއްޒުއްދީން ސްކޫލުގައި ކިޔަވައިދިނުމަށް ދަރިވަރުން ބަހާލާފައިވަނީ ކޮންމެ ކްލާހެއްގައި 25 ދަރިވަރުންނަށް ވުރެ ގިނަ ނުވާނެ ގޮތަށް ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މުޅި ރާއްޖޭގައިވެސް މިފަދަ ގޮތަކަށް ކްލާސްތަކަށް ދަރިވަރުން ބަހާލައިގެން ކިޔަވައިދޭ މިއީ ފުރަތަމަ ފަހަރުކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި ގޮތަށް ދަރިވަރުން ބަހާލާފައިވަނީ ސްކޫލުން ކުދިންނަށް ކިޔަވައިދިނުމާއެކު ކުދިން ރިވެތި އަހުލާގުގެ މަތީގައި ތަރުބިއްޔަތުކޮށް، އެކުދިންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއެރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އިއްޒުންދީން ސްކޫލު ހުޅުވާފައި ވަނީ ކުރީން އެމްއީއެސް ހިންގި އިމާރާތުގަ އެވެ.