ކުރިން މާލޭ އިންގްލިޝް ސްކޫލް، އެމްއީއެސް ސްކޫލް ހިންގި އިމާރާތުގައި ސަރުކާރުން އަލަށް ހުޅުވި އިއްޒުއްދީން ސްކޫލް ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޒުއްދީން ސްކޫލް މިއަދު ހުޅުވާދެއްވާފައިވަނީ އެކަމަށް ހާއްސަ ކުރެވިގެން ސްކޫލްގައި ބޭއްވި ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. މި ހަފްލާގައި ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު އަލަށް ހުޅުވި އިއްޒުއްދީން ސްކޫލަކީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮން ބަންޑާރަ) އަށް ނިސްބަތްކޮށް ހުޅުވި ސްކޫލެކެވެ. މި ސްކޫލްގެ ރަސްމީ ކުލަ އަކީ ދަނބު ކުލައެވެ. އަދި ސްކޫލްގެ މަލަކީ "މަލިކުރުވާ" ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ސްކޫލްގެ މޮޓޯ އަކީ "ސީކް ޓްރުތް" އެވެ.
ގްރޭޑް 1-6 އަށް އިއްޒުއްދީން ސްކޫލްގައި މިއަދު ކިޔަވައިދޭން ފަށައިފައި ވަނީ އެއް ދަންފަޅިއަށެވެ. އެގޮތުން ސްކޫލަށް ހެނދުނު އަންނަ ދަރިވަރުން ސްކޫލް ނިންމުމަށްފަހު ގެއަށް ދާނީ އިތުރު ކްލާސްތަކާއި، އިތުރު ހަރަކާތްތަކަށް ފަހު ކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.
މި ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސާފައިވަނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އިސްމާއީލް ނަސީރު އެވެ.