މިއަދު ހެނދުނު ފެށި ދިރާސީ އާ އަހަރުގެ ތަހުނިޔާ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ފޮނުއްވައިފި އެވެ.
ރައީސް ސޯލިހު ދަރިވަރުންނަށް ތަހުނިޔާ ފޮނުއްވީ އެމަނިކުފާނު މިއަދު ހެނދުނު ދަރިވަރުން ސްކޫލަށް ދިޔުމުގެ ކުރީން ފޮނުއްވި ޓުވީޓެއްގަ އެވެ.
ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވީ، މި ފެށި ދިރާސީ އާ އަހަރަކީ، އާ ފިލާވަޅުތައް ދަސްވެ، އާ ރަހުމަތްތެރީން ލިބި، އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަހަރަކަށް ވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
"އަދި މި ފެށި ދިރާސީ އާ އަހަރަކީ، މުޅި އުމުރަށް ދެމިގެން ދާނޭ ފަދަ ހަނދާންތަކަކާ އެކު ނިމިގެންދާ އަހަރަކަށް ވުމަށް އެދެން." ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ އަހަރުގެ ކަލަންޑަރު ބުނާ ގޮތުން، ފުރަތަމަ ޓާމުގެ ކިޔެވުން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ކަމުން މި ޓާމުގައި ކިޔަވައިދޭނީ 90 ދުވަހު އެވެ. ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައިދޭނެ އެވެ. އެއީ 14 ޖޫން އިން ފެށިގެން ތިނެއް ޑިސެމްބަރުގެ ނިޔަލަށެވެ. މި އަހަރު ކިޔަވައިދޭ ދުވަހުގެ ޖުމުލަ އަދަދަކީ 198 އެވެ.